13 ފިލްމަކާއެކު ނުވަ ވަނަ ފިލްމު އެވޯޑްސް އަންނަ މަހު ބާއްވަނީ!

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ވަނަ ފިލްމު އެވޯޑްސް އަށް ތޭރަ ފިލްމެއް ހުށަހަޅައިފިއެވެ.

ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ ދިވެހި ފިލްމު އެވޯޑްސްގެ މިއަހަރުގެ އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހަށް ހަމަވިއިރު، 12 ފީޗާ ފިލްމަކާއި އެއް ކުރު ފިލްމު ހުށަހަޅާފައިވެއެވެ.

"ދިވެހި ފިލްމު އެވޯޑްސް 9" ގައި ބައިވެރިކޮށްފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކެވެ.

ފުރަތަމަ މިދިޔަ އަހަރު ބާއްވަން ނިންމި "ފިލްމު އެވޯޑްސް 9" ކެންސަލްވީ ފިލްމު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފިލްމުތައް މަދުވެގެންނެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމް ކުރާ ފިލްމު އެވޯޑްސް އަށް މިއަހަރު ހުށަ ހަޅާފައިވާ ފިލްމުތަކަށް ބަލައިލާއިރު ދިވެހި ސިނަމާތަކުގައި ބޮޑު ކާމިޔާބީތަކެއް ހޯދި "ވިޝްކާ، "ބޮސް"، "ހައްދު" އަދި "މީލޯތްބަކީ" ފަދަ ފިލްމުތައް ހިމެނެއެވެ. މިއަހަރުގެ އެވޯޑަށް ހުށަހަޅާފައިވާ ކުރު ފިލްމަކީ "ކަނޑު އިބިލީސް" އެވެ.

އަންނަ މަހު ފިލްމު އެވޯޑްސް ބާއްވަން ނިންމި ނަމަވެސް އެވޯޑް ބާއްވާނެ ރަސްމީ ތާރީހެއް އަދިވެސް އިއުލާންކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ