ހަޒާޑުގެ އުންމީދަކީ ރެއަލްމެޑްރިޑަށް ގިނަ ކާމިޔާބީޔަކެއް ހޯދައިދިނުން

މިހާރު ކުރަމުން އަންނަ އެންމެ ބޮޑު އުންމީދަކީ ރެއަލްމެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުންކަމަށް ޗެލްސީ ދޫކޮށް އެކްލަބާއި ދާދިފަހުން ގުޅުނު ބެލްޖިއަމްގެ އެޑެން ހަޒާޑު ބުނެފިއެވެ.

މިދިޔަ ސީޒަންގެ ހިތްދަތި ތަޖުރިބާއާއެކު އަލުން އާ ހިތްވަރަކާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ، ރެއަލްމެޑްރިޑުން ހަޒާޑު ގެނައީ ބޮޑު އަގުދީފައި ނުހަނު ބޮޑު އުންމީދަކާއެކުގައެވެ.

ވާދަވެރި ބާސެލޯނާއިން މިދިޔަ ސީޒަންގެ ލަލީގާ ކާމިޔާބުކުރިއިރު ރެއަލްމެޑްރިޑަށް ލިބިފައިވަނީ ތިން ވަނައެވެ. އަދި ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އަޔޭކްސް އަތުން ބަލިވިއިރު، ކޮޕަޑެލްރޭގެ ސެމީ ފައިނަލުންވެސް ބަލިވީ ބާސެލޯނާއާ ބައްދަލުކޮށެވެ.

"ރެއަލްމެޑްރިޑަށް ކުޅޭއިރު އެބަޖެހޭ ކޮންމެ އަހަރަކުވެސް ކާމިޔާބީތަކެއް ހޯދަން. ނޫންނަމަ ސަޕޯޓަރުން މާޔޫސްވާނެ. އަހަރެން ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެ، ގިނަ ލަނޑުތަކެއް ޖަހައި ސީޒަން ނިމޭއިރު ގިނަ ތަށިތަކެއް އުފުލާލުން" ހަޒާޑު ބުންޏެވެ.

ހަޒާޑު ރެއަލްމެޑްރިޑާއެކު ކުޅުނު ފުރަތަމަ މެޗުން އެކްލަބުވަނީ ދަށްވެފައެވެ. އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު އެމެޗުން ރެއަލްމެޑްރިޑް ދަށްވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގައި ރެއަލްމެޑްރިޑު ދެން ނުކުންނާނީ ވާދަވެރި އާސެނަލްއާ ދެކޮޅަށެވެ. އެމެރިކާގެ ފެޑެކްސްފީލްޑްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 04:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ