ސްޕެއިންގެ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑު ކުޑަކުހުޅުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
ޑަލަސްގައި ހުންނަ ޑަރެލް ކްލިނިކްގައި ހަޒާޑުގެ މިއޮޕަރޭޝަން ކޮށްފައިވަނީ ޑރ. ޔޫގީން ކަރީއެވެ.
ރެއަލްމެޑްރިޑުންވެސް ހަޒާޑު މިއޮޕަރޭޝަންގެ މަޢުލޫމާތު ޙިއްސާކޮށްފައިވީނަމަވެސް، އޭނާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި އެނބުތި ކުޅުމަށް އާދެވޭނެ ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ. ރިޕޯރޓްތައް ބުނާގޮތުން މިއޮޕަރޭޝަނާއި ގުޅިގެން ހަޒާޑު 2 ނުވަތަ 3 މަހާއި ދެމެދު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން ސީޒަން ނިމުމުގެ ކުރިން ހަޒާޑު ރެއަލްމެޑްރިޑް ޖާޒީގައި ފެންނާނެބާއޭ އެއީ އުފެދޭ ސުވާލެކެވެ.
Hazard medical report.#RealMadrid
— Real Madrid C.F. ???? (@realmadriden) March 5, 2020
އެހެންނަމަވެސް މިސީޒަންގެ ނިމުމުގެ ކުރިން ހަޒާޑު އެނބުރި ކުޅުމާއި ބައިވެރިވެވޭނެކަމަށް އުންމީދުކުރާކަމަށް ކޯޗު ޒިދާންވަނީ ބުނެފައެވެ.
ހަޒާޑުގެ ކަނާތުގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ލެވެންޓާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ލަލީގައި ކުޅެވުނު އެމެޗުން ރެއަލްމެޑްރިޑްވަނީ 1-0 ގެ ނަތީޖާއަކުން ދަށްވެފައެވެ.
ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް މިސީޒަންގައި ކުރިމަތިވެފައިވާއިރު، މިހާތަނަށް ހަޒާޑު ރެއަލްމެޑްރިޑަށް ކުޅެދީފައިވަނީ އެންމެ 15 މެޗެވެ. މިއީ ހަޒާޑު ރެއަލްމެޑްރިޑްގައި ހޭދަކުރާ ފުރަތަމަ ސީޒަންއެވެ.
ޗެލްސީ ދޫކޮށް ހަޒާޑު މިދިޔަ އަހަރުގެ ޖުލައި މަހު ރެއަލްމެޑްރިޑާއި ގުޅުނީ 100 މިލިއަން ޔޫރޯއަށެވެ. ހަޒާޑް ރެއަލްމެޑްރިޑާއި ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.




