ރެއަލްމެޑްރިޑްގައި ހޭދަކުރެވުނު ފުރަތަމަ ސީޒަން ކާމިޔާބެއްނޫންކަމަށް މިދިޔަ އަހަރުގެ ޖުލައިމަހު އެކްލަބާއި ގުޅުނު ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑު ބުނެފިއެވެ.
ރެއަލްމެޑްރިޑާއި ގުޅުނުފަހުން އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ހަޒާޑަށް ފުރަތަމަ އަނިޔާވެފައިވަނީ ޕްރިސީޒަންގެ މެޗުތައް ކުޅެމުން ދަނިކޮށެވެ. އެއާކެ ސީޒަންގެ ގިނަމެޗުތަކެއް ގެއްލިފައިވާ ހަޒާޑަށް އެންމެފަހުން ފެބްރުއަރީ 22 ގައި ލެވެންޓޭއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާއެކު ސާޖަރީއެއް ހެދުމަށްވަނީ މަޖޫބުރުވެފައެވެ.
އަދި އޭނާއަށް ސީޒަން ނިމުނީކަމަށް ބަލައިގެން ހުރި ހަޒާޑު ބުނީ، ރެއަލްމެޑްރިޑްގައި ހޭދަކުރެވުނު ފުރަތަމަ ސީޒަން ކާމިޔާބެއްނޫންކަމަށެވެ. އެހެންނަމަވެސް ލިބުނު ތަޖުރިބާއާއެކު އަންނަ ސީޒަންއަށް ތައްޔާރުވަމުން އަންނަކަމަށާއި، އެއްބަސްވުމުގައި އަދިވެސް ބާކީ ހަތަރު އަހަރުއެބަ އޮތްކަމަށް ހަޒާޑު ބުންޏެވެ.
މިސީޒަންގައި ހަޒާޑު ސްޕެނިޝް ލަލީގާގައި ކުޅެފައިވަނީ އެންމެ 10 މެޗެވެ. އެ 10 މެޗުން އޭނާވަނީ 1 ލަނޑު ޖަހާ ހަތަރު އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި 5 މެޗު ކުޅެފައިވާއިރު 1 އެސިސްޓް ހަދާދީފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްޕެނިޝް ލަލީގާ މެދުކަނޑާލާފައިވާއިރު، ސްޕެއިންގެ ސަރުކާރުން ނާންގަނީސް ސީޒަން އަލުން ނުފަށާނެކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ހާމަކޮށްފައެވެ.
އިންގްލޭންޑްގެ ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއަލްމެޑްރިޑުއާއި ހަޒާޑު ގުޅުނީ 100 މިލިއަން ޔޫރޯގެ ޑީލްއެއްގެ ދަށުންނެވެ. އޭނާ ރެއަލްމެޑްރިޑާއި ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.




