ދިވެހި ކަނބަލުންނަކީ ވަކިކަމަކަށް ދޫކުރުމެއްނެތި ކަންކަމާ ކެރިގެން ކުރިމަތިލާ ހީވާގި ފިސާރި ކަނބަލުންތަކެކެވެ. ދަނޑުވެރިކަމެއް، މަސްވެރިކަމެއް، ކަނޑެއް އަދި އެއްގަމެއް އެކަނބަލުން ނުބަލައެވެ. މަސައްކަތެއް ކުޅިވަރެއް ތަފާތެއް ނެތެވެ.
ތަފާތު ގިނަ ކުޅިވަރުތަކުން އެކަނބަލުންގެ ހުނަރުތައް މުޅި ރާއްޖެއަށާއި މުޅި ދުނިޔެއަށް ދައްކަމުންދާއިރު، އެދާއިރަށް ނުކުންނަ ދަރިންވެސް ކުރިއެރުވުމަށް ކެނޑިނޭޅި އެކަނބަލުން އަންނަނީ މަސައްކަތް ކުރަމުންނުވެ. މިފަހަރު ހިތްގައިމު މިސާލެއް ފެނިގެން ގޮސްފައިވަނީ ށ.ގޮއިދޫއިންނެވެ.
މީސްމީޑިއާއަށް ދޫކޮށްލާފައިވާ ހިތްގައިމު ފޮޓޯތަކެކެވެ. ފޮޓޯތަކުން ފެންނަނީ ބޮޑު ހުސްބިމެއްގައި އަންހެން ފިރިހެން ކުދި ބޮޑު އެތަށް ބަޔަކު ކުދި ގަސްތަކެއް އިންދަމުންދާ މަންޒަރެވެ. ބިންބި ދަނޑެއްގައި ބިންބި ގަސް ރުވަނީކަމަށް ހިތައި ފޮޓޯ އިތުރަށް ޒޫމްކޮށްލެވުނެވެ.

ނަމަވެސް، ގޮއިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ފެނުނު ހިތްގައިމު މަންޒަރަކީ ދަނޑެއްގައި ބިންބި ރުވާ މަންޒަރު ނޫން ކަމަށާއި، އެއީ 2017 ވަނަ އަހަރުގެ ފަހުކޮޅު އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ގޮއިދޫ އައު ފުޓްބޯޅަ ދަނޑުގައި ވިނަ އިންދާ މަންޒަރު ކަމަށެވެ.
ޒަމާނީ ވިނަ ދަނޑެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ މިދަނޑުގައި ވިނަ އިންދުމުގެ 60 އިންސައްތަ ނިމިފައިވާއިރު، ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރައްވާކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގައި ކުރާ ކޮންމެ އިޖުތިމާއީ ކަމެއްގައިވެސް ރަށުގެ ހުރިހާ އުމުރެއްގެ އަންހެން ފިރިހެން ބޭފުޅުންގެ ބައިވެރިވުން ލިބޭ ކަމަށާއި، މާދަމާ ދަނޑުގައި ވިނަ އިންދުން ނޫން އެހެން މަސައްކަތަކަށް ގޮވާލިޔަސް ރަށުގެ ހީވާގި އަންހެން ކަނބަލުން ނިކުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ކަންތައްތައް ތަރައްޤީކުރުމުގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަންޖެހޭނެ. އަޅުގަނޑުމެން ނުތިބޭނަން ބަޔަކު ކޮށްދޭނެ ކަމަކަށް. ސަރުކާރުން ކޮށްދޭނެ ކަމަކަށް. އެއީ އަޅުގަނޑުމެންގެ ސިޔާސަތު އިންނަ ގޮތަކީ." ގޮއިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅައިގައި ފޯރިގަދަ ށ.އަތޮޅަކީ ޖޯޝުގައި ފުޓްބޯޅައަށް ސަޕޯޓްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެކެވެ. މިފަހަރު ގޮއިދޫގެ އަންހެން ކަނބަލުން ނަމަވެސް، މިފަދަ ހިތްގައިމު ނަމޫނާ މަސައްކަތްތަކެއް އަތޮޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދިއުމަކީ ފުޓްބޯޅައަށްވެސް ލިބިގެންދާ އިތުރު ދިރުމަކަށް ނޫނީ ނުވާނެއެވެ.

ކުޅޭ ފުޓްބޯޅަ މެޗެއްގައި ސަޕޯޓްކޮށްލުމުން ހިތްހަމަޖައްސާލުމަށްވުރެ ވީ މިންވަރަކުން ފުޓްބޯޅައާއި ގުޅުންހުރި އެންމެހާ މަސައްކަތްތަކުގައި ބައިވެރިވެ ފޯރި ނެގުމަކީ ހަމަ ޤައިމުވެސް ގޮއިދޫ ފުޓްބޯޅަ ޓީމު ފަޚުރުވެރިވާ ކަންކަމެވެ.




