ދަންވަރުގެ އެ ހަމަހިމޭން ވަގުތުގައި ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ރަށުގެ ބަނދަރާ ދިމާއަށް ހިނގަމުން އެދަނީ މުޙައްމަދު ޝިނާޒާއި އޭނާގެ ބައްޕަ އަޙްމަދު ޢަލީއެވެ. މިރެއަކީ ޝިނާޒް ކައްކާ ކޯހެއް ހެދުމަށްޓަކައި މާލެ ފުރަން ހަމަޖެހިފައިވާ ރެއެވެ.
ޝިނާޒްގެ ބައްޕަ އަޙްމަދަކީވެސް ބޮޑުކައްކާއެކެވެ. ކުރިން އަޙްމަދު މަސައްކަތްކުރީ ބޭރު ދަތުރުކުރާ ބޯޓެއްގައި ކައްކާއެއްގެ ގޮތުގައެވެ. ނަމަވެސް ޝިނާޒް ލިބުމާއިއެކު ދަރިފުޅު ފެންނަ ހިސާބުގައި އަބަދު ހުންނަން އޭނާއަށް މަޖުބޫރުވިއެވެ. އެހެންކަމުން ރައްޓެއްސެއްގެ ރެސްޓޯރެންޓަކުން ކައްކާއެއްގެ ފުރުޞަތު ލިބުމުން އުފަން ރަށް ދޫކޮށް ޝިނާޒް ގޮވައިގެން މި ރަށަށް ޙިޖުރަކުރީ މީގެ 22 އަހަރު ކުރިންނެވެ.
ޝިނާޒް ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ހުރިހާ ކަމެއް ކޮށްދެނީ އޭނާގެ ބައްޕައެވެ. ސްކޫލަށް ނުލެވޭއިރު ބައްޕަ ޑިއުޓީއަށް ދަނީ އޭނާ ގޮވައިގެންނެވެ. ސްކޫލަށް ދާންފެށުމުން އެހެން ކުދިންގެ މަންމައާއި ބައްޕަ ހުންނަކަން އޭނާއަށް ފާހަގަވިއެވެ. ނަމަވެސް ޝިނާޒްގެ ހަމައެކަނި ބައްޕަ ހުންނާތީ އެކަމާ އޭނާ ބައްޕައާ ސުވާލު ކުރުމުން، އެދުވަހު ބައްޕަ ދިން ޖަވާބުން އަދި އަދަށް ދާންދެންވެސް ދެވަނަ ފަހަރަށް އޭނާ އެ ސުވާލެއް ނުކުރެއެވެ. ބައްޕަ ބުނި ގޮތުގައި އެންމެންގެ ފަސް އިނގިލި އެއްވަރު ނުވާހެން އެންމެންނަށް ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެވެ. އެކި މީހުންނަށް ﷲ މިންވަރު ކުރައްވާނީ އެކި ގޮތެވެ. ދެއްވާނީ އެކި ނިޢުމަތެވެ. އެކަންކަމަށް ޝުކުރުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ މުއުމިނުންގެ ރީތި ސިފައެކެވެ. މި ދުނިޔޭގައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. މަރުވުމާއި ދިރުއްވުން އަދި އުފަލާއި ހިތާމައަކީ ވެސް ދުނިޔޭގެ އިމްތިޙާނެވެ. އަހަރެމެންނަށް އޮތީ އެކަންކަމާ ޝަކުވާ ނުކޮށް، ކެތްތެރިކަމާއިއެކު ސުވަރުގެ ޙާޞިލްވޭތޯ ގަދައަޅާ މަސައްކަތްކުރުމެވެ.
ޝިނާޒަކީ އެ އުމުރެގެ ގިނަ ކުދިންނަށްވުރެ އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ރަށުގައި ޤަވާއިދުން ފުޓްބޯޅަ ކުޅުމާއި، ކަސްރަތު ކުރުމަކީ ޝިނާޒްގެ އާދައެކެވެ. އެހެންކަމުން އެ އުމުރުގެ ގިނަ ކުދިންނާ އަޅާ ބަލާއިރު ޝިނާޒް ހީވަނީ އުމުރަށްވުރެ ބޮޑު، ހަރު ޒުވާނެއްހެންނެވެ.
މާލެ ވީ ޝިނާޒްއަށް ވަރަށް އައު މާޙައުލަކަށެވެ. ދުވަސްވަރަކީ ވޯކީ ޓޯކީ އާއި ފޯނު ބޫތުން ރަށްރަށަށް ގުޅާ އުޅުނު ދުވަސްވަރެވެ. މާލެ އައުމަށްފަހު ދުވާލަކު އެއްފަހަރު ޝިނާޒް ބައްޕައަށް ގުޅާ ހަދައެވެ.
ޝިނާޒަކީ ހުސް ވަގުތުތަކުގައި ކުރެހުމަށް ޝައުޤުވެރިވާ ޒުވާނެކެވެ. އެހެންކަމުން ކިޔެވުމަށް ފަހު ލިބޭ ހުސް ވަގުތުތަކުގައި ޝިނާޒް ކުރާ ކަމަކީ ކުރެހުމެވެ. ޚާއްޞަކޮށް ޤުދުރަތީ މަންޒަރުތަކެވެ. ކުރަހާ ފޮތާއި ފަންސޫރު ހިފައިގެން އެކި ދުވަހު ޝިނާޒް ދަނީ މާލޭގެ އެކި ސަރަޙައްދުތަކަށެވެ.
މިއަދު ޝިނާޒް މިސްރާބު ޖެހީ ކުޑަކުދިންގެ ބަގީޗާއާ ދިމާއަށެވެ. އެތަނަށް ވަތްއިރު އެކި އުމުރުގެ ކުޑަކުދިން އެތާނގައި ކުޅެން އުޅެއެވެ. އެކުދިންގެ ފަސްފަހަތުން ބައެއް ބެލެނިވެރިންވެސް ދުވެ ދުވެފައި އުޅޭ މަންޒަރު ފެނުނެވެ. އެކި ހިސާބުތަކަށް ނަޒަރު ހިންގާލުމަށްފަހު ޝިނާޒް ގޮސް މަޑުކޮށްލީ ކަނެއްގައި އިން ގޮނޑިއެއްގައެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު ކުރަހަން ރަނގަޅު އެއްޗެއް ފެނޭތޯ އެކި ކޮޅު ކޮޅަށް އޭނާ ނަޒަރު ހިންގާލިއެވެ. އެ ހަލަބޮލި މާޙައުލުން ޝިނާޒްގެ ލޮލުގައި އަޅައިގަތީ އޭނާގެ ކަނާތް ފަރާތު ގޮނޑީގައި އިށީނދެ އިން އަންހެން ކުއްޖެކެވެ. ޝިނާޒަށް ބަލާލެވުނު ވަގުތު އެ އަންހެން ކުއްޖާ ލޮލުގެ ކަނުން ކަރުނަ ފޮހެލަނީއެވެ. އޭނާގެ މޫނުގައިވަނީ ވަރުބަލިކަމެވެ. ލޮލުގައި ފުން ހިތާމައެވެ. ފެންނަ ފެނުމަށް ޝިނާޒަށްވުރެ ދޮށިހެން ހީވެއެވެ. ނަމަވެސް މޫނުގައިވަނީ މައުސޫމް ކަމެވެ. ބަލާ ބެލުމަށް އިސްކޮޅުން ކުރުވެފައި ހަށިގަނޑު ލޫޅާފައްޗެވެ. ޝިނާޒް އެ އަންހެން ކުއްޖާއާ މެދު ވިސްނަން އިންދާ އިވުނީ މަޣްރިބު ނަމާދަށް ބަންގި ގޮވި އަޑެވެ. ބަންގީގެ އަޑު ޖެހުމާއިއެކު އެ އަންހެން ކުއްޖާ އެތާނގައި ކުޅެންހުރި ފަސް ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެ ކުޑަ ކުއްޖާ އޭނާ އަށް މުޚާތަބުކުރީ ދައްތަ ކިޔާފައެވެ. އެމީހުން ނިކުމެގެން ދިއުމާއެކު ޝިނާޒްވެސް މިސްރާބު ޖެހީ މިސްކިތާ ދިމާއަށެވެ.
އެރޭ ނިދަން އޮށޯވެ ލޯ މަރާލުމުން ޝިނާޒަށް ސިފަ ވަނީ އެ އަންހެންކުއްޖާގެ މިލާފައިވާ މައުސޫމް މޫނެވެ. އޭނާ ވަރަށް ބޮޑު ކަމަކާ ހިތާމަކުރާކަން ޔަޤީނެވެ. އެހާ ކުޑަ ފެނިލުމަކުންވެސް އޭނާގެ ސޫރަ ޝިނާޒަށް ޚާއްޞަ ވެއްޖެއެވެ. އެނދުމަތީ ދެކޮޅަށް ފުރޮޅި ފުރޮޅި އެތައް އިރެއް ވީ އިރުވެސް ޝިނާޒްގެ ހިތުން އެ އަންހެން ކުއްޖާގެ ސޫރަ ފުހެލެވޭގޮތެއް ނުވިއެވެ. އެހެންކަމުން ތެދުވެ، ކުރަހަން ގެންގުޅޭ ސާމާނު ނަގައިގެން އެ ތަސްވީރު ފޮތުގައި ކުރެހޭތޯ މަސައްކަތް ފެށިއެވެ. ބައިގަޑިއިރު ވީއިރުވެސް ޝިނާޒަށް އެ މޫނު ފުރިހަމައަށް ކުރެހޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އޭނާ ފެނޭތޯ އެތަނަށް ދިއުމުގެ ނިޔަތުގައި ނިދޭތޯ އޮށޯތެވެ.
ޖެހިގެން އައި ދުވަހުވެސް ޝިނާޒް ދިޔަ އިރު އެ އަންހެން ކުއްޖާ ހަމަ އެ ގޮނޑީގައި އިނެވެ. އެވަގުތުވެސް އޭނާގެ މޫނުގައި ވީ ފުން ހިތާމައެވެ. އޭނާގެ ހަށިގަނޑު އެތަނުގައި އިނެއް ކަމަކު އޭނާގެ ވިސްނުން ގުޅިފައިވަނީ އެހެން ކަމަކާހެން ހީވެއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފައި ޝިނާޒް އެ މޫނަށް ރަނގަޅަށް ބަލަމުން ކުރެހުން ފުރިހަމަކުރެވޭތޯ ބެލިއެވެ. ޝިނާޒްގެ މަޤްޞަދަކަށްވީ ކުރެހުން ފުރިހަމަ ކުރުމަށްފަހު އެކުއްޖާއަށް ހަދިޔާ ކުރުމެވެ. ޝިނާޒްގެ ޙަޔާތުގައި މިވީ 22 އަހަރުވެސް އޭނާގެ ހިތުގައި އަންހެން ކުއްޖަކަށް މިހާ ޚާއްޞަކަމެއް ދެވިފައެއް ނުވެއެވެ. މަޣްރިބް ނަމާދު ބަންގި ގޮވުމާއެކު އެ އަންހެން ކުއްޖާ، ކުޑަ ކުއްޖާ ގޮވައިގެން ދާން ހިނގައި ގަތެވެ. އެވަގުތު ޝިނާޒްވެސް އަވަސް އަވަހަށް އެމީހުންގެ ފަހަތުން ގޮސް "އެކްސްކިއުޒް" އޭ ކިޔާ ގޮވާލުމަށްފަހު އެ ކުރެހުން ޙަވާލު ކުރިއެވެ. އަދި އަންހެން ކުއްޖާ އެއްޗެއް ބުނަންވާއިރަށް އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ.
ޝިނާޒްގެ އެ ޢަމަލުން އަންހެން ކުއްޖާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދޭނެކަން ޝިނާޒަށް އެނގެއެވެ. ޝިނާޒްގެ ބޭނުމަކީވެސް އެޔެވެ. އަންހެން ކުއްޖާގެ އެ ހިތާމަވެރި މޫނުގެ ފަހަތުގައިވަނީ ކޮންކަމެއްކަން ހޯދަން އޭނާ ބޭނުންވެއެވެ.އެކުއްޖާއާ ގުޅުން ބަދަހި ކުރަންވެސް ބޭނުންވެއެވެ.
ޖެހިގެން އައި ދުވަހު ޝިނާޒް ދިޔައީ އަންހެން ކުއްޖާގެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުވެގެންނެވެ. ޝިނާޒް އުންމީދުކުރި ގޮތަށް އާދައިގެ މަތިން އެ އަންހެން ކުއްޖާ އިންނަ ގޮނޑީގައި އިނެވެ. އޭނާގެ އަތުގައި ޝިނާޒް ދިން ކުރެހުންވެސް އޮތެވެ. މަޑުމަޑުން ގޮސް ޝިނާޒް އެ އަންހެން ކުއްޖާގެ ކުރިމައްޗަށް ހުއްޓުމާއެކު އެކުއްޖާ އިސް އުފުލާ ބަލާލިއެވެ. އަދި ކުރެހުން ރަނގަޅަށް ދައްކާލުމަށްފަހު އޭނާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
"މިއީ ކޮންކަމެއް؟ ތިއީ ކާކު؟ މީހުންގެ ހުއްދައާ ނުލާ މިކަހަލަ ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫންކަން ނޭނގޭތަ؟" ނޭވަޔަކަށްވެސް ހުއްޓާނުލާ އޭނާ ސުވާލުތައް ޝިނާޒާ ކުރިމަތި ކުރިއެވެ.
"އަހަރެން މިތާ އިށީނދެލަންތަ؟" ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން ޝިނާޒް ބޭނުންވީ އެތާ ރަނގަޅަށް ހަމަޖެހިލާށެވެ. އަންހެން ކުއްޖާގެ ޖަވާބަކަށް ނުބަލާ އެކުއްޖާ އާ ޖެހިގެން ކުޑަ ތަންކޮޅެއް ދޫކޮށްފައި ޝިނާޒް އިށީނދެލިއެވެ.
"ފުރަތަމަ ސުވާލުގެ ޖަވާބަކީ ތިއީ ކުރެހުމެއް. ދެވަނަ ސުވާލުގެ ޖަވާބަކީ އަހަރެންގެ ނަމަކީ މުޙައްމަދު ޝިނާޒް. ތިން ވަނަ ސުވާލުގެ ޖަވާބަކީ އަހަރެން ތިޔަ ކުރެހުން ކުރެހީ އެއްވެސް ގޯސް ނިޔަތެއްގައި ނޫންކަން. ހުއްދަ ނުހޯދާ ކުރެހުމަކީ ގޯސް ކަމެއްކަން އެނގޭ. އެކަމަކު އަހަންނަށް ފުރަތަމަ ދުވަހު ފެނުނު އިރުވެސް ތި ކުއްޖާ......... ނަން ބުނެދެވިދާނެތަ؟ އޭރުން ތިޔަ ސުވާލުތަކުގެ ޖަވާބު ދޭން ވެސް ތަންކޮޅެއް ފަސޭހަވާނެ."
"އަހަރެންގެ ނަމަކީ ޝިއުނާ" ޝިއުނާ ޖަވާބު ދިނެވެ.
"އޯކޭ.... އަހަންނަށް ފުރަތަމަ ފެނުނު ވަގުތުވެސް ޝިއުނާ އިނީ ރޯން. ލޮލުން ކަރުނަ ފޮހުނު މަންޒަރު އަހަންނަށް ވަރަށް ރީއްޗަށް ފެނުނު. އެހެންވެ ބޭނުންވީ ރޮނީ ކީއްވެތޯ ބަލާލަން. އަހަންނަކީ މާލެއަށް ވަރަށް އާ މީހެއް. މިކޮޅަށް އައިސް މި ހުންނަނީ ކޯހެއް ހަދަން. މިކޮޅުގަ އަހަރެންގެ އެއްވެސް ރައްޓެއްސެއް ނުހުރޭ. ޝިއުނާ އަށް މައްސަލައަކަށް ނުވަންޏާ ޝިއުނާ ތިޔަ ހިތާމަކުރާ ކަމެއް އަހަންނާ ހިއްސާ ކޮށްލަންވީނު. އޭރުން ފަހަރެއްގާ އަހަންނަށްވެސް އެހީވެވިދާނެ. އަދި ކަންކަން ހިއްސާކުރުމަކީ ހިތަށް ލުއިވެސް ލިބޭ ކަމެއް."
"އަހަރެންގެ ވެސް މާ ގިނަ ރައްޓެހިންނެއް ނުތިބޭނެ. އުމުރުން ބާރަ އަހަރުގައި ޢާއިލާއާ ދެކޮޅަށް އަހަރެން މާލެ އައީ ރަށަށް ދިޔަ މާލޭ މީހަކާ އިންނަންވެގެން. މިހާރު އަހަރެންގެ އުމުރުން ތިރީސް ހަތަރު އަހަރު. އިނދެގެން 9 އަހަރު އުޅުނުއިރު އަހަންނަށް 2 ކުދިން ލިބުނު. އަހަރެން އެ ކުދިން ބަލާ ބޮޑުކުރީ އެއްވެސް ކަމަކަށް ދަތި ނުކޮށް އެހާމެ ލޯބިން. ކައިވެނީގެ ކުރީކޮޅު ފިރިމީހާ ވަރަށް ހެޔޮ. އެކަމަކު ކުޑަ ދަރިފުޅަށް ހަ އަހަރުގައި ފިރިމީހާ އެހެން މީހަކާ އިނދެގެން ގެއަށް ގެނަސް އަހަރެން އެގެއިން ނެރެ އެއްލާލި. ކުދިންވެސް އަހަރެންނަށް ނަފުރަތު ކުރާ ކަހަލަ. އެއްވެސް ކުއްޖަކު އަހަރެން ކޮބައިތޯ ބަލާލަންވެސް ނާދޭ. ފަހަރެއްގާ ވެދާނެ ދޮން މަންމަ އަހަންނަށްވުރެ ރަނގަޅީ ކަމަށް. ގެއިން ނެރެ އެއްލާލުމުން އަހަރެން ރައްޓެއްސެއްގެ އެހީގައި ގެއެއްގައި ގެންގުޅޭ މީހެއް ގޮތަށް ހުންނަން ފެށީ. މާލޭގައި މަޑުކުރީ މަގެއްގެ މަތިން ވިޔަސް ދަރިން ފެންނާނެ ކަމުގެ އުއްމީދުގަ. އަހަރެން ގެއިން ނެރެ އެއްލާލި އިރު އެގެއަށް ވަނުން އޮތީ އަހަންނަށް މަނާކޮށްފަ. އެހެންވެ ދާކަށް ނުކެރުނު." ޝިއުނާ ވާހަކަ ދައްކާ ނިންމާލި އިރު އޭނާ އަށް އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
"އަހަރެންގެ ބައްޕަ ދަސްކޮށްދިން އެއްޗަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ ވެސް އިމްތިޙާނެއް ކަމުގަ. އެކަމާ އަހަރެމެން ޝަކުވާކޮށް ދިރިއުޅުން މަތިން މާޔޫސްވުމަކީ މުއުމިނުންގެ ސިފައެއް ނޫން. އަހަރެމެންނަށް އޮތީ އެކަންކަމަށް ކެއްތެރިވެ ދިރިއުޅުމައިގެން ކުރިއަށް ދިއުން." ޝިނާޒްގެ ވާހަކަ އެހިސާބަށް ދިޔައިރު މަޣްރިބު ނަމާދު ބަންގި ގޮވަން ފަށައިފިއެވެ. އެހެންކަމުން ދަނީ ކަމުގައި ބުނެ ޝިއުނާ މަޑު މަޑުން ތެދުވެ އޭނާ އާއެކު އަންނަ ކުޑަ ކުއްޖާ ގޮވައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.
ދުވަސްތައް ކުރިއަށް ދިޔަ ވަރަކަށް ޝިނާޒްއާއި ޝިއުނާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ކޮންމެ ދުވަހަކު ދެމީހުން ކުޑަކުދިންގެ ބަގީޗާއިން ބައްދަލުކުރެއެވެ. އެދެމެދުގައި ބާރަ އަހަރުގެ ތަފާތެއް ހުރި ކަމުގައި ވިޔަސް ނޭނގި ނަމަވެސް ދެމީހުންގެ މެދުގައި ރަޙުމަތްތެރިކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމެއް ދިޔައީ އުފެދެމުންނެވެ. އެކަން ދެމީހުންނަށްވެސް އެނގެއެވެ. ބައްޕައަށް ގުޅި ނަމަވެސް ޝިއުނާގެ ވާހަކަ ބައްޕަ ގާތުގައި ބުނާކަށް ޝިނާޒަކަށް ނުކެރުނެވެ. ނަމަވެސް ޝިނާޒް މިހާރު ބޭނުންވަނީ ޝިއުނާއާ ކައިވެނިކޮށް ޝިއުނާގެ އެހިތާމަތަކަށް ނިމުމެއް ގެނަސްދޭށެވެ. ހުރިހާވެސް މައްސަލައަކީ ދެމީހުންގެ އުމުރުގެ ފަރަޤާއި ޝިއުނާގެ ދެ ދަރިން ތިބުމެވެ. އެހެންނަމަވެސް ޝިނާޒް ކުރާ ކަމަކާ ބައްޕަ ދެކޮޅު ނަހަދާނެކަން ޝިނާޒަށް އެނގެއެވެ. އެހެންކަމުން ޝިނާޒް ބޭނުންވީ ޝިނާޒް ޗުއްޓީގައި ރަށަށްދާއިރު ޝިއުނާ ގޮވައިގެން ދާށެވެ.
ޝިނާޒް ބޭނުންވާގޮތް ޝިއުނާއަށް ހުށައެޅުމުން ފުރަތަމަ ޝިއުނާ ހެދީ ދެކޮޅެވެ. "ޝިނާޒަށް އެނގޭތަ ދިމާވާނެ މައްސަލަތައް؟ ދެމީހުންގެ އުމުރުގެ ތަފާތު އެނގޭތަ؟ މީހުން ކުރާނެ މަލާމާތް އަންދާޒާ ކުރެވޭތަ؟ ޝިނާޒްގެ ބައްޕަ ޤަބޫލުވާނެތަ؟"
ނަމަވެސް ޝިނާޒް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. "ދިރިއުޅެން މިތިބީ އަހަރެމެން ދެމީހުންނެއްނު. އެކަމާ މީހަކާ ކޮންކަމެއް؟ އަހަރެންގެ ބައްޕަ ވަރަށް ރަނގަޅުވާނެ. ބައްޕައަށް ވިސްނައިދިނީމަ ހަމަޖެހޭނެ. އަހަރެން ޝިއުނާ ނުލާ ރަށަކަށް ނުދާނަން. ތައްޔާރުވެގެން ހުންނާތި އިނގޭ"
ޖެހިގެން އައި ހުކުރު ވިލޭރޭ ޝިނާޒް ރަށަށް ދާން ފުރީ ޝިއުނާ ގޮވައިގެންނެވެ. ރަށަށް ދެވުނުއިރު ހެނދުނު 6 ޖަހައިފިއެވެ. ބަންދު ދުވަހެއްކަމުން ރަށުގެ މަގުތައް އޮތީ ވަރަށް ހަމަހިމޭންކޮށެވެ. ޝިނާޒް ގެއަށް ގޮސް ވަތްއިރު ބައްޕަ އުޅެނީ ގިފިލީގައެވެ. ގެއަށް ވަދެ ފޮށިތައް ފެންޑާގައި ބެހެއްޓުމަށްފަހު ޝިނާޒް ގޮވާލުމާއެކު އަޙްމަދު ވަރަށް އަވަހަށް ގިފިލިން ނުކުތެވެ. ނަމަވެސް ޝިއުނާ ފެނުމާއެކު އަޙްމަދުގެ ފައި ހީވީ ތެރަސް ލާ ބިމާ ތަތްކޮށްލިހެންނެވެ. ޝިއުނާވެސް އަޙްމަދު ފެނުމާއެކު އިށީނދެ އިނދެފައި، އެއްޗެއް ކަށްޓެއް ޖެހުމުން ތެދުވާ އުޞޫލުން ތެދުވިއެވެ. ވާނުވާ ނޭނގިގެން ޝިނާޒް ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުއްޓެވެ. އިރުކޮޅަކުން އަޙްމަދު އެއްވެސް އެއްޗެއް ނުބުނެ ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އޭރު ޝިއުނާގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ.
ޝިއުނާއަށް އެއްވެސް ވާހަކައެއް ނުދެއްކޭނެކަން އެނގޭތީ ޝިނާޒް ދިޔައީ ބައްޕަ ހޯދާށެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއިރު އަޙްމަދުވެސް އިނީ ރޯށެވެ. މިނޫނީ ޝިނާޒަށް އޭނާގެ ބައްޕަގެ ލޮލުން ކަރުނަ އޮހޮރުނު ތަނެއް ނުފެނެއެވެ. އެހެންކަމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ޝިނާޒް ގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ޝިނާޒް ކޮޓަރިއަށް ވަތް ތަން ފެނި އަޙްމަދު ލޮލުން ކަރުނަ ފޮހެލިއެވެ.
"ދަރިފުޅަށް ކޮންތާކުން އޭނަ ފެނުނީ؟ " ރުއިމުގެ ސަބަބުން އަޙްމަދުގެ އަޑުގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ.
"މާލެއިން." ޝިނާޒް މަޑުމަޑުން ޖަވާބު ދިނެވެ.
"ދަރިފުޅު ކައިރީ އޭނަ ބުނީ ކީކޭ؟ އޭނައަށް ދަރިފުޅު ވަކި ކުރަން އެނގުނީ ކިހިނެއް؟"
"ބައްޕާ ކީކޭ ތިކިޔަނީ؟ މި ވާގޮތް އަހަންނަށް ތަންކޮޅެއް ރަނގަޅަށް ކިޔައިދީފާނަންތަ؟" ޝިނާޒް ހުރީ ވާނުވާ ނޭނގޭތީ ބޯ ހާސްވާގޮތް ވެފައެވެ.
އެވަގުތު ފަހަތުން ދޮރު ހުޅުވާލި އަޑަށް ޝިނާޒާއި އަޙްމަދަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭރު ދޮރުމަތީގައި ޝިއުނާ ހުއްޓެވެ.
"ޝިނާޒް.... އަހަންނަކީ ކުއްވެރިއެއް. އަހަންނަށް މަޢާފު ކުރޭ! އަހަރެންނަކީ ލޯބީގެ އަވައިގައި ޖެހިގެން އަހަރެންގެ އަލަތު ދަރިފުޅު ވިހެއުމަށްފަހު އޭނާގެ މޫނަށްވެސް ބަލާ ނުލާ ނުކުމެގެން ދިޔަ މީހެއް. އޭގެ އަދަބު މިއަދު އަހަންނަށް ލިބެމުން މިދަނީ." ލޮލުން ކަރުނަ އަންނަން ފެށުމުން ޝިއުނާ ދައްކަމުންދިޔަ ވާހަކަ ކުޑަކޮށް މަޑު ޖައްސާލިއެވެ. އަދި ހިއްވަރުކޮށްފައި އަނެއްކާވެސް ފެށިއެވެ.
"އަހަރެންގެ އުމުރުން އެންމެ 11 އަހަރުގައި އަހަރެންގެ ނުޤަބޫލުގައި ބައްޕަމެން އަހަރެން އަޙްމަދާ ދެވީ. އޭރު އަހަންނަށް ލޯތްބަކީ ކޯއްޗެއްކަމެއް، ކައިވެންޏަކީ ކޮބާކަމެއް ނޭނގޭ. އޭރު އަޙްމަދަކީ ބޭރު ދަތުރުކުރާ ބޯޓެއްގެ ކައްކާއެއް. ދެމީހުންގެ އުމުރުގައި ދިހަ އަހަރުގެ ތަފާތު ހުރި. ބައްޕަމެން ގަދަކަމުން އަޙްމަދާ ދެވީތީ އަހަރެން އަޙްމަދަށްވެސް ނަފުރަތު ކުރިން. ކައިވެންޏަށްފަހު ދެ މަހު މަޑުކުރުމަށްފަހު އަޙްމަދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ. އަހަރެން ފަހުން އިން ސިރާޖަކީ އެދުވަސްވަރު އަވަށްޓެރި ގެއަކަށް މާލެއިން ދިވެހި ބޭސް ފަރުވާއަށް އައިސް ހުރި މީހެއް. އޭނާވީ އަހަރެން ގަޔާވާ ކަހަލަ އެތައް ސިފަތަކެއް ލިބިފައި ހުރި މީހަކަށް. އޭނާއަށް ވެސް އަހަރެން ކަމުގޮސް ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދޭކަށް މާ ގިނަ ދުވަހެއް ނުނެގި. ނަމަވެސް ދުވަސްކޮޅެއް ފަހުން އަހަންނަށް އެނގުނީ އޭރު އަހަރެން އިނީ އަޙްމަދުގެ ދަރިއަކަށް ބަލިވެކަން. އަހަރެން އެވާހަކަ ސިރާޖު ގާތުގައި ބުނުމުން އޭނަ ބުނީ އެއީ މައްސަލައެއް ނޫން ކަމުގަ. ވިހައިގެން އަޙްމަދު ކައިރިން ވަރިވެގެން އައުމުން އޭނަ އަހަރެންނާ ކައިވެނި ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިން. އަޙްމަދު ރަށަށް އައީ އަހަރެންގެ ބަނޑަށް 7 މަހުގަ. އަހަރެން އަޙްމަދު ކައިރިން ވަރިވާން އެދުމުން ފުރަތަމަ އަޙްމަދު ހެދީ ދެކޮޅު. ނަމަވެސް އަހަންނަށް އަޙްމަދާއެކު ރީތި ދިރިއުޅުމެއް ނޫޅެވޭނެކަމާއި ދަރިފުޅު ދެކެވެސް ލޯބި ނުވާނެކަމުގައި ބުނިން. އެހެންކަމުން އަހަރެންގެ އެދުމަށް އަޙްމަދު އަހަރެން މިނިވަންކޮށްދިން. ނަމަވެސް އަޙްމަދު އެދުނީ ވިހެއުމަށްފަހު ދަރިފުޅު ޙަވާލުކޮށްފައި ދިއުމަށް. އޭރު އަހަރެން ހުރީ މައިވަންތަކަމުގެ ލޯތްބަށްވުރެ ބޮޑަށް ސިރާޖުގެ ލޯބީގައި ދީވާނާވެފަ. ވިހެއި ދުވަހު ސިރާޖު އަހަރެން ބަލާ އައި. ވިހެއުމަށްފަހު ދަރިފުޅުގެ މޫނަށް އެއްފަހަރުވެސް އަހަރެން ބަލާ ނުލަން. އަދި އެއީ އަހަރެންގެ ޙަޔާތުގައި ނުވާ ކަމެއް ކަމުގައި އަހަރެންގެ ހިތާ ސިކުނޑިއަށް ވިސްނާދިނިން. އޭރު އަހަންނަށް ކިރިޔާ 12 އަހަރު ފުރުނީ."
އެހިސާބަށް ވާހަކަ ދިޔައިރު ލޮލުން ކަރުނަ ނާންނަ އެކަކުވެސް އެތާކު ނެތެވެ. އެ ޙާލަތުގައި ޝިނާޒް ކުށްވެރި ކުރާނީ ވަކި ކާކު ހެއްޔެވެ؟
"ބައްޕަ ޝިނާޒަށް މިވާހަކަތައް ކިޔައި ނުދިނީ އެކަމުގެ ސަބަބުން ބައްޕައަށް ކުރި އަސަރުން. ބައްޕަ ވެސް އެދުވަހަށްފަހު ނިންމިން އެއީ ބައްޕައަށް މަރުވެފައިވާ މީހެއްކަމުގަ." އަޙްމަދުވެސް ކުއްވެރިއަކު ފަދައިން ޝިނާޒާ މުޚާތަބުކުރިއެވެ.
"އަހަރެން ތިޔަ ދެމީހުން ކުރެ އެކަކުވެސް ކުއްވެރިއެއް ނުކުރަން. ދެމީހުންވެސް ކަންތައް ތިޔަ ކުރީ ސަބަބުތަކެއް އޮވެގެން. އެކަމަކު މަންމަ ހުންނަކަމާއި، މަންމަގެ މަޢުލޫމާތު އަހަންނަށް ބައްޕަ ކިޔައިދީފައި އޮތްނަމަ މިއަދު އަހަންނަށް މިކުރެވޭ އިޙުސާސްކުރާކަށް ނުޖެހުނީސް. ބައްޕަ އާ މަންމަ ބޭނުން ނަމަ ދެމީހުން ކައިވެނި ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް."ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވަމުން ޝިއުނާއާއި އަޙްމަދަށް ވަގުތު ދީފައި ޝިނާޒް ބޭރަށް ނުކުތެވެ. އޭނާ ބޭނުންވީ އެކަނިވެރި ވެލާށެވެ. ކުރެވެން އުޅުނު ބޮޑު ފާފައިން ސަލާމަތްކޮށްދެއްވީތީ ޝިނާޒް ﷲ އަށް ފަށްފަށުން ޝުކުރު ދެންނެވިއެވެ.
ޝިއުނާއާ އަޙްމަދު ވާހަކަދެއްކުމަށްފަހު އަލުން ގުޅުމަށް ނިންމިއެވެ. ޝިއުނާއަށް އަޅާލާނެ އިތުރު މީހެއްވެސް ނެތުމާއިއެކުއެވެ. އެދެމީހުންގެ ނިންމުމަށް ޝިނާޒްވެސް މަރުޙަބާ ކިޔެވެ.
ވީކަމެއް ނުވާ ކަމަކަށް ހަދަން އަހަރެމެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް އަހަރެމެން އެކަކަށްވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟
ނިމުނީ
3 Responses
ތަފާތު އިނގޭ!!!!! ހަބޭސް
wooww.. anehkaaves varah reethi vaahaka eh. mulhin thafaathu varah salhi. ❤
Varah Reethi.. Thafaathu .. ??hiyaaleh Mifaharuves