މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލް އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.
މި ދެކުޅުންތެރިން ރަން މެޑަލް ހޯދައިފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ދެކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އާއި ވާދަކޮށް ސީދާ ހަތަރު ސެޓު ކާމިޔާބު ކޮށްގެންނެވެ.
މި ފައިނަލަކީ ރާއްޖޭގެ ދެ ޕެއާއަކުން ބައިނަލްއަގުވާމީ މުބާރާތެއްގެ ޓީޓީ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 11 އަހަރުގެ ދީމާއާއި އުމުރުން 16 އަހަރުގެ ރަފާ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސްގެ ޕެއާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވެގެންނެވެ. އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މަޑަގަސްކަރައިގެ ޕެއާ އަތުން ފަސޭހަކަމާ ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ.
މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ ފައިނަލެއްގައި ރާއްޖޭގެ ދެ ކުޅުންތެރިން ނުވަތަ ދެ ޕެއާއެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި ލިބުނު ދެ މެޑެއްޔާ އެކު ރާއްޖޭން މިހާރު ވަނީ މި ގޭމްސްގައި ޖުމްލަ ނުވަ މެޑަލް ހޯދައިފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން މިހާތަނަށް ހޯދާފައިވާ މެޑަލް ތަކަކީ ޓީޓީން ހޯދި ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔަކާއި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔަކާއި ލޯ މެޑެއްޔަކާއި އެތުލެޓިކްސް އިން ހޯދި ދެ ލޯ މެޑެއްޔާއި އަދި ބެޑްމިންޓަނުން ހޯދި ދެ ލޯ މެޑެއްޔެވެ.



