ތަފާތު އެކި ސިފަސިފާގައި ދިވެހިރައްޖޭގެ މިނިވަންކަމުގެ ދޮރާށީގައި ޓަކިޖަހަމުން ދާއިރު، އަމިއްލަ އެދުމާއި ސިޔާސީ މަންފާ ލިބިގަތުމަށްޓަކައި މިނިވަން ކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިހެން ގޮވާލީ، ރާއްޖެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޤައުމުގެ ހުރިހާ ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ޤާއިމްކޮށް މިނިވަންކަމާއެކު ޤައުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި ބޭރުގެ ބާރުގަދަ ނުފޫޒުތަކުން ކުރިމަތި ކުރަމުންދާ އެކިކަހަލަ ޕްރެޝަރުތަކަށް ދީލާނުލުމަށް އަދުގެ ސަރުކާރަށް އިލްތިމާސް ކުރާކަމަށެވެ. އަދި މިނިވަން ކަމުގެ ހިޔަލުން އަޅުވެތިކަމުގެ ނާމާން އައްސޭރިއަކަށް ދިވެހި ޤައުމު އޮޔާދާފަދަ އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި ނުކުރުމަށް އަޑުހަރުކޮށް މި ބަޔާނުގައި ގޮވާލާފައި ވެއެވެ.
ސިޔާސީ މަންފާ ހޯދުމަށްޓަކައި ޤައުމުގެ މިނިވަން ކަމުގެ އިންތައް ހުރަސްކުރަންފަށައިފިނަމަ ނޭންގި ތިއްބާ އިސާހިތަކު މިނިވަން ކަމުގެ ފޮނިމީރުކަން ނެތި ހިނގައިދާނެކަމަށާއި، ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދއިދޭން މަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް ކުޑަނަމަވެސް ބުރުލެއް ނާރާ ފަދަ ގޮތަކަށް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި މިނިވަން ދުވަހުގެ ތަޙުނިޔާ ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރިސްކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި އެންމެހާ ބަޠަލުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން ބޭރުގެ ބާރުގަދަ ނުފޫޒުތަކުން ކުރިމަތި ކުރަމުންއައި ބޮޑެތިބިޔަ ރާޅުތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދިވެހިރައްޖޭގެ އިޤްތިޞާދީ އަޅުވެތިކަމުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް ޢަބްދުﷲ ޔާމީނަށް ޝުކުރާއި ތަޙުނިޔާ އަރިސްކުރާކަމުގައި މި ބަޔާނުގައި ވެއެވެ.





ހިޔާލު
މިނިވަންކަން ގެއްލި އަޅުވެތިވާވަރަށް އެއް ގައުމަކުން ލޯނުނެގި ބަޔަކު ދައްކަން ވަރަށް ތާހިރު ވާހަކައެއް.