ރާއްޖެއަކީ ހަރުކަށި ފިކުރުގެ ރައްޔިތެއް ދިރިއުޅޭ ޤައުމެއްކަން ސިފަކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕްރޮގެރެސިވް ކޯލިޝަނުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ބައިބައިކޮށް ބޭރު ދުނިޔޭގައި ރާއްޖެއަކީ ހަރުކަށި ފިކުރުގެ ރައްޔިތެއް ދިރިއުޅޭ ޤައުމެއްކަން ސިފަކުރަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއާއި ރައްޔިތުން މަސައްކަތްކުރަނީ އައިސިސްއިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން މި ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދެއް ނުކުރާނެ ކަމަށް ނޫސް ބަޔާނުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޓެރަރިޒަމްއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާ ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވަނީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި ހަމައެއާއެކު ރާއްޖެއިން ބޭރުގެ އެއްވެސް ބައެއްގެ ޖާއިޒް ނޫން ނުފޫޒެއް އަޔަނުދީ، ސިޔާދަތީ ބާރު ދިވެހިންނަށް ކަށަވަރު ކޮށްދިނީވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.
އަދި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމާއި، ދިވެހި ޤައުމުގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށްކަމާއި، އެ އުސޫލުތައް ސާބިތުކަންމަތީ ހިފެހެއްޓެވީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.
ޕްރޮގެރެސިވް ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ސަލާމަތަށް ބުރޫއަރާފަދަ ގޮތްނޭނގޭ އެތައް މަސައްކަތްތަކެއް ބޭރުގެ އެކި ފަރާތްތަކާއެކު ކުރެވެމުންދާތީ ރައްޔިތުން ދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުން ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރުތައް ވައްޓާލުމަށް އެތެރެއާއި ބޭރުން ޢަމަލީގޮތުން މަސައްކަތްކޮށްފައިވަނީ ކޮންބައެއްކަން ތާރީޚުން ވަރަށް ރަނގަޅަށް ހާމަވާން އެބައޮތް ކަމަށެވެ.
އަދި ރާއްޖެ ހިފުމަށް ފަހުގެ ތާރީޚުގައި މަގުފަހި ކުރަމުން، އެކަންކަމަށް ބޭރުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ގޮވާލަމުން އައިސްފައިވަނީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ބޭފުޅުން ކަމަށާއި ރާއްޖޭގައި ދީނީގޮތުން ބައިބައިވުން އުފެދޭ ގޮތަށާއި އިސްލާމްދީނާއި ބީރައްޓެހި ޚިޔާލުތަކަށް ފުރުޞަތު ފަހިވާގޮތަށް ހިތްވަރު ނުދިނުމަށާއި، ދިވެހީންނަކީ "ހަރުކަށި ފިކުރުގެ" ބައެއްގެ ގޮތުގައި ސިފަ ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން އަބަދުވެސް މަސައްކަތްކުރާނީ އިސްލާމްދީނާ، ދިވެހިންގެ މި ފަސްގަނޑުގެ ދިފާޢުގައިކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ޔަޤީންކޮށްދޭ ކަމަށް ވެސް ނޫސް ބަޔާބުގައި ވިދާޅުވިއެވެ.




