ބާސެލޯނާއިން މެސީއަށް އުމުރުދުވަހުގެ އެއްބަސްވުމެއް މިސީޒަންގައި ހުށަހަޅަނީ!

ސްޕެއިންގެ ބާސެލޯނާއިން އެކްލަބުގެ ތަރި ލިއޮނަލް މެސީއަށް އުމުރު ދުވަހުގެ އެއްބަސްވުމެއް މިސީޒަންގައި ހުށަހަޅަށްއުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާއާއި ގުޅުނު މެސީވަނީ އެކްލަބާއެކު ގިނަ ކާމިޔާބީތަކެއްހޯދާ އިންޑިވިޖުއަލް އެތައް އެވޯޑްތަކެއް ހޯދާފައެވެ.

ފަސް ބެލެންޑޯ ކާމިޔާބުކޮށްފައިވާ، މިހާރު ދުނިޔޭގައިހުރި އެންމެ މޮޅެތިކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީއާއި ނުލައި ބާސެލޯނާ ސިފަކުރަން އެކްލަބުގެ ސަޕޯޓަރުންނަށް ވަރަށް ދަތިވާނެއެވެ.

މެސީ ބާސެލޯނާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2021 އަށް ހަމަވާއިރު، އެކްލަބުން މިހާރު ތައްޔާރުވަމުންދަނީ އިތުރު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް މެސީއަށް ހުށަހަޅަންކަމަށްވެއެވެ. އަދި މިއެއްބަސްވުމާއެކު މެސީގެ އުމުރުން 36 އަހަރު ވަންދެއް ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ހުންނާނެއެވެ.

ބާސެލޯނާގެ އެއްބަސްވުމެއްގައި މެސީ ސޮއި ކުރަނީ - ފޮޓޯ: ފޮކްސް

ބާސެލޯނާއިން މިހާރު އަންނަނީ ޒުވާން ކުޅުންތެރިން އިތުރުކޮށް މެސީ ނެތްދުވަހަކަށް ތައްޔާރުވަމުންނެވެ.

"މެސީ ފުޓްބޯޅަ ކުޅުން ހުއްޓާލާ ދުވަހަކަށް އެބެޖެހޭ ތައްޔާރުވާން. އެހެންނަމަވެސް ގިނަ އަހަރުތަކެއް ވައްދެން ކްލަބުގައި ހުންނާނެކަމަށް އުންމީދުކުރަން" ބާސެލޯނާގެ ރައީސް ބާޓޮމެއޮ ބުންޏެވެ.

ބާސެލޯނާއިން މެސީއަށް އުމުރުދުވަހުގެ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނައިރު، މިއެއްބަސްވުމުގެ ދަށުން މެސީއަށް ކުޅުން ހުއްޓާލުމަށްފަހު ބާސެލޯނާގެ ކޯޗަކަށް ނުވަތަ އެމްބެސެޑަރަކަށް ވުމުގެ ފުރުޞަތު އޮންނާނެއެވެ.

2017 ވަނަ އަހަރު އިނިއެސްތާއާއެކުވެސް ބާސެލޯނާއިންވަނީ މިފަދަ އެއްބަސްވުމެއް ހަދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ