ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދާދި ފަހުން ލީޑަރޝިޕާ ހަވާލުވެވަޑައިގެންނެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށް ތިން މަހުގެ ކުއްޖެއް ވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ފެންމަތިވެފައިވަނީ ޑީއާރްޕީ އަށް ގިނަ އަދަދެއްގެ މެމްބަރުން ވަންނަމުންދާކަން ފާހަގަކޮށް އެ ޕާޓީން ކުރި ޓްވީޓެއްގައި އާއްމުކޮށްފައިވާ ފޮޓޯއަކުންނެވެ.
ޑީއާރްޕީން މިއަދު އާއްމުކުރި ފޮޓޯގައި އެންމެ މަތީގައި ވަނީ ތިން މަހުގެ ކުއްޖާ ސޮއިކުރި ކަމަށް ބުނާ ފޯމެވެ. އެ ފޯމުގައިވާ ގޮތުން އެ ކުއްޖާގެ އުފަން ތާރީހަކީ މިއަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހެވެ.

ޑީއާރްޕީން ބުނީ އެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ފެންނަމުންދަނީ ޖާބިރުގެ ލީޑަޝިޕްގެ ދަށުގައި އެ ޕާޓީ އާ އުސްމިންތަކަކަށް ވާސިލްވާނެ ކަމުގެ ކޮޅުމަތި ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
ތުއްތު ކުއްޖަކު ޕާޓީއަށް ނުވައްދާ ކަމަށާއި ސޯޝަލް މީޑިއާއަށް އާއްމުކުރި ފޮޓޯގައި ހިމެނޭ ފޯމުގައި އުފަން ތާރީހު 2019 ކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށް ޕާޓީގެ ރަޖިސްޓްރާ ވިދާޅުވެފައިވާއިރު، އެ ފޮޓޯ މިހާރު ވަނީ އެ ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޑިލީޓް ކޮށްލާފައެވެ.
ރައީސް މަޢުމޫން އަދި ރައީސް ޔާމީންވެސް ކުރިން މަސައްކަތްޕުޅު ކުރެއްވި ޑީއާރްޕީގެ އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.



