"ކޭމްޕް ފުރާވަރު" ގެ 75 ވަނަ ޕްރޮގްރާމް ނިންމައިފި

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން، ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ "ކޭމްޕް ފުރާވަރު" ގެ 75 ވަނަ ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ވާދޫ ޖަމާލުއްދީން ސްކޫލްގައި ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ހެޑް އޮފް ސްޕެޝަލިސްޓް ޑައިރެކްޓަރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދެވެ.

ޖުލައި 25 އިން 27 އަށް ވާދޫ ޖަމާލުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އެ ސުކޫލްގެ 43 ދަރިވަރުން ބައިވެރިވެ ސެޓުފިކެޓު ހާސިލްކޮށްފައިވެއެވެ.

މި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ އަޙުލާޤާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން މިއީ ފުލުހުން ހިންގި މީގެ 75 ވަނަ ކޭމްޕެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ އަހުމަދު ދެއްކެވި ވާހަކަ ފުޅުގައި، ކޭމްޕުގައި އުނގަންނައިދިން ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި އެކަންތައްތައް އަމިއްލަ ނަފުސުގައި އަށަގެންނެވުމަށް ދަރިވަރުން އަމިއްލައަށް މަސައްކަތްކުރުމަށް ދަރިވަރުންގެ ކިބައިން ވަނީ އެދިލައްވާފައެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ބެލެނިވެރިންވެސް، އެކުދިންގެ އުޅުމަށާއި ސުލޫކަށް އައިސްފައިވާ ބަދަލުތައް މޮނިޓަރކޮށް އެކަންތައްތައް ދެެމެހެއްޓެނިވި ގޮތެއްގައި އެކުދިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުމަށާއި ކުދިންގެ ކިބައިގައި އިސްލާމްދީނުގެ ރިވެތި ސިފަަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް، ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި ރަނގަޅުގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި ކޮންމެ ކުއްޖަކީވެސް މުހިއްމު ކުއްޖެއްކަން ދަނެގެން އެ ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައި ވެއެވެ.

މިރަސްމިއްޔާތުގައި، ސަދަން ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދާއި އަޕަރ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ގދ. ވާދޫގައިހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޖަމާލުއްދީން ސްކޫލުގެ އިސްވެރިންގެ އިތުރުން ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ