ރާއްޖޭގެ ޖަލުތަތަކުގައި ތިބި ހުރިހާ ކުށްވެރިނަށް މައާފު ދޭންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓްގައި މައްސަލަތައް ލަސްވެ، ދިގުލައިގެން ދިއުމާއި ގުޅޭ ގޮތުން ޖޭއެސްސީއިން އެކުލަވާލައި މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާޞިރު ވިދާޅުވީ، އަފޫއާންމަކީ ވެސް އޮންނަންޖެހޭ އެއްޗެއް ކަމަށާއި މިއަދު ރާއްޖޭގައި ޑިމޮކްރެޓިކް ރައީސެއް ހުންނެވިއިރު ޖަލުތަކުގައި ތިބި މީހުންނަށް މިއަދުން މިއަދަށް މައާފު ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.
ޖަލުތަކުގައި ތިބި ކުށްވެރިނަށް ހުކުމްކޮށްފައި ތިބީ އަދުލުވެރިކޮށް ނޫން ކަމަށް ބުނެ ޖާބިރު ވިދާޅުވީ، މި މައްސަލައަށް ދެން ހައްލެއް ގެނެވޭނީ އަލުން މިކަން ކުރަން ފަށައިގެން ކަމަށެވެ.
ޖަލުތައް ސާފުކުރުމަށްގަު ޖަލުތައް ބަންދުކޮށްލަންވީ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި މިއަދު ދައްކަންވީ ކޯޓުތަކުގެ ގޯސް ވާހަކަ އާއި ކޯޓުތަކުގެ ގިނަ ފަނޑިޔާރުން ގޯސް ވާހަކަ ނޫންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މިއަދު ދައްކަންވީ އަދި ސަރުކާރުން މިއަދު ކުރަންޖެހޭ ކަމަކީ ޖަލުތަކުގައި ތިބި މީހުންނަށް އަފޫއާންމު ދިނުން ކީއްކުރަންތޯ އާބާދީ އަށްވުރެ އިތުރަށް ޖަލުތައް ހުންނަންވީ. އަޖައިބެއް ކަހަލަ ކަމެއްތޯ މިއީ" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަގުތުން މަގާމުން ވަކިކުރަންޖެހޭކަމަށާއި، އެ މަޤާބަށް އިތުބާރު ހިފޭ ބޭފުޅަކު އައްޔަން ކުރަންޖެހޭކަމަށެވެ.
"މިވަގުތު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަގުތުން މަގާމުން ވަކިކުރަންޖެހޭ އެ މަގާމަށް އިތުބާރު ހިފޭ ބޭފުޅަކު ގެންނަންޖެހޭ" ޖާބިރު ވިދާޅުވިއެވެ.