ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭނެއް ހުށައަޅާފައި ނުވާތީ ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ މުޙައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
2020 އިން 2025 އަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދާނެ ގޮތުގެ މާސްޓާޕްލޭން "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" އިފްތިތާޙު ކޮށްފައިވަނީ، ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންގައި ހދ އަތޮޅު ހިމެނިފައި ނުވުމުން ޢަލީ މުޙައްމަދު އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ވިދާޅުވެފައިވަނީ މިތިބީ ބަލަން ކަމަށާއި އޭގެ ފަހުގައި ގޮތެއް ކަނޑައަޅާނެކަމަށެވެ. ހިމާޔަތް ކޮށްފައިވާ ހދ. ކޭލަކުނުގެ ޤުދުރަތީ މިއްސަނދިކަން ފާހަގަކޮށް، ރައްޔިތުންނަށް މަންފާއެއް ނުލިބޭނަމަ ހިމާޔާތްކޮށް ފޮރުވާފައި ބާއްވަން އަދި ކިތައް އަހަރު ޖެހޭނެތޯވެސް އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ.
ޢަލީ މުޙައްމަދު ވަނީ ޓްވަރިޒަމް މިނިސްޓަރަށް އިޝާރާތްކުރައްވައި މި ޕްލޭންގައި ހދ. އަތޮޅުގެ ހިއްސާ ލިޔުމަށް އިންޒާރުކުރައްވާފައެވެ. އަދި ޓްވަރިޒަމް މިނިސްޓަރ އަކީ ހދ. އަތޮޅަށް ނިސްބަތްވާ މީހެއްކަމަށާއި، ފަރުވާ ކުޑަކޮށްފިނަމަ ނަތީޖާ ރަންގަޅު ނުވާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޢަލީ މުޙައްމަދު އަކީ މިހާރު ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސައިޓާ ހަވާލުވެހުންނެވި، ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރ އެވެ.
މި ޕްލޭންގައި ހދ އަތޮޅުގެ ފަތުރުވެރިކަމާ ގުޅޭ އެއްވެސް ވާހަކައެއް ގެނެސްފައި ނުވާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް އާއި އެ އަތޮޅުގެ ގިނަ ބަޔަކުވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ހދ. އަތޮޅަކީ މިޙަތަނަށް ފަތުރުވެރިކަމުގައި އެންމެ ދަށުގައި އޮތް އަތޮޅެވެ. އެ އަތޮޅަށް ފަތުރުވެރިކަން ގެނައުމަށްޓަކައި ނިމިދިޔަ ސަރުކާރުގައި ބޮޑު ކެމްޕެއިންއެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް އެކަމުގެ އެއްވެސް އެދެވޭ އަސަރެއް އަދި ވަނީ ފެންނަގޮތް ނުވެފައެވެ. ގިނަ ބަޔަކު އުންމީދުގައި ތިއްބާ ސަރުކާރުން އިފްތިތާޙު ކުރި ޕްލޭނާއި އެކު އަނެއްކާވެސް ވަނީ އެ އަތޮޅުގެ ރައްޔިތުން ގެ ހިތްހަމަ ނުޖެހުން ބޮޑުވެފައެވެ.




