"އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް އަތުލާ" ގެ ނަމުގައި ހޮޓެލް ޖެން ކުރިމަތީގައި އަޑުއުފުލަން އުޅުނު މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހޮޓެލްޖެން ސަރަހައްދުން މީހަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ.
އެސަރަހައްދުން މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ހައްޔަރުކުރި މީހާގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ސިޔާސީ ވެރިއެއް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިރޭ ހޮޓެލް ޖެން ކައިރީގައި އަޑުގަދަކޮށް ބެނާއެއް ހިފައިގެން އުޅޭތީވެ އެސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ދުރަށް ނުދިއުމުން މިރޭ 08:43 ގައި ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާއަށް ނަސޭހަތް ދިނުމަށްފަހު މިރޭ 09:40 ގައި ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ހޮޓެލްޖެން ކުރިމަތީގައި ބެނާއާއެކު އަޑުގަދަކޮށް ޝުއޫރު ފާޅުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް 36 ވަނަ އަހަރީ ޢާއްމު ޖަލްސާ ކުރިއަށްދާ ވަގުތާ ދިނާކޮށެވެ.




