މާފުށީ ޖަލުގައި މަރުވި, ދ.ވާނީ ބްލޫހެވަން ހުސައިން ޒަރީރުގެ މައްސަލައިގައި އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފިކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ، މިކަން ހާމަކޮށް އެކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން ދ.ވާނީ ބްލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެމައްސަލާގައި އިޙުމާލުވި މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވައިފިކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ ކޮމިޝަނަކީ މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނެކެވެ. މިއީ އެ ކޮމިޝަނުން މަރުގެ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވި ފުރަތަމަ ފަހަރެވެ.
ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ވާ ގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަޙުޤީޤު ފުރިހަމަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިޚްތިޔާރު އެކޮމިޝަނަށް ލިބިގެންވެއެވެ. ނަމަވެސް މި މައްސަލާގައި ދަޢުވާކުރުމަށް އެކޮމިޝަނުން ފޮނުވާފައިވަނީ ފުލުހުންނަށެވެ.
ކޯޓުން އަމުރެއްގެ ދަށުން ޒަރީރު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2016 ޖެނުއަރީ 28 ގައެވެ. އެސަރވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ ހާލު ދެރަވެ، ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 2016 ނޮވެންބަރު 8 ވަނަ ދުވަހުއެވެ.
ރިޔާސީ ކޮމިޝަން އުފައްދާފައިވަނީ 2012 ޖެނުއަރީ 1 އިން ފެށިގެން 2018 ނޮވެމްބަރު 17 އާ ދެމެދު ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.



