"މަންމަމެން ސްކޫލްގައި އުޅުނު އިރު ތިޔަ ފޭސްބުކާ، ވައިބަރާ، ވަޓްސް އެޕަކާ ނުހުރޭ. އެކަމަކު އޭރުވެސް ވީ ޙަޤީޤީ ލޯބި. ފޯނު ތަޢާރަފްވީ މަންމަމެން މީހުންނާވެސް އިން ފަހުން. ކޮންމެ ދުވަހަކު ތިޔަ ދައްކާހާ ވާހަކަތަކެއް ނުދެއްކިޔަސް އޭރުގެ ގުޅުންތައް މާ ތެދުވެރިވެފައި ގިނަ ދުވަހު ދެމިގެންވެސް ދޭ." އަހަރެން ވާހަކަދައްކަމުން ދިޔައީ އަހަރެންގެ ފައި މޮޑެދޭން އިން ބާވީސް އަހަރުގެ ދަރިފުޅު މީޝަމްއާއެވެ. އެއީ އަހަރެންގެ ތޭވީސް އަހަރުވީ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. މީޝަމް ކިޔަވަން ހުންނަނީ މެލޭޝިޔާގައެވެ. މިއީ މީޝަމް ނިމެން އޮތް އަހަރެވެ. ފަހު ސެމިސްޓަރ ފެށުމުގެ ކުރިން މީޝަމްއާ، އޭނާގެ ފޭސްބުކުން ދިމާވި ބައިވެރިޔާ، ޒިޔާން ބޭނުންވީ ކައިވެނިކޮށްގެން މީޝަމް ކޯސް ފުރިހަމަކުރުމަށް ފުރުމަށެވެ. ޒިޔާންއަކީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ، އަޚުލާޤު ރަނގަޅު، ހަރުދަނާ ޒުވާނެކެވެ.
"ދެން މަންމަމެން ކިހިނެއް ބައްދަލުކުރަން ގަޑި ކިޔާ ހަދަނީ؟ ފޫއްސެއް ނުވޭތަ؟" ކުރީގެ ކަންކަންވީ މީޝަމްއަށް ވަރަށް މަޖާ ކަމަކަށެވެ.
"އޭރު ފޮނުވާނީ ލޯބީގެ ސިޓީ ނޫނީ ނޯޓުކޮޅު. ނޫނީ ބުނަން ބޭނުންވާ އެއްޗެއް ބުނަން ފޮނުވާނީ ރައްޓެހި ކުދިން. ދެން ސްކޫލަށް ދާ ގަޑީގައި ނޫނީ ސްކޫލުން ގެއަށް އަންނައިރު މަގުމަތިން ދިމާކޮށްފަވެސް ބުނަން ބޭނުން އެއްޗެއް ބުނެލާނެ." މާޒީއަށް ވިސްނަމުން އަހަރެން ކިޔައިދިނީމެވެ.
"މަންމައާ ބައްޕަވެސް ހަމަ އެހެންތަ ކަންތައްކުރީ؟ ބައްޕަ ބުނި މަންމައާ ބައްޕަގެ ކައިވެންޏަކީވެސް ލަވް މެރިއޭޖް އެކޭ." ހެވިފައި އިނދެ މީޝަމް ސުވާލުކުރިއެވެ.
"އާނ ހަމަ އެކަހަލަ ގޮތަކަށް. ދެން ދަރިފުޅު ދޭ ނިދަން. މާދަން ހެނދުނާ ބައްޕަ ލަންކާއިން އަންނާނެ. އެ ގަޑިއަށް ހޭލަންވެސް ޖެހޭނެއެއްނު." މަޑު މަޑުން މާޒީގެ ހިތި ހަނދާންތައް އާވާން ފެށުމުން އަހަރެން ބެލީ އަވަހަށް ދަރިފުޅު ފޮނުވާލެވޭތޯއެވެ. ދަރިފުޅު ނުކުމެގެން ދިއުމާއެކު އަހަރެން ތެދުވެ އަލަމާރި މަތީގައި ހުރި ފޮށި ނެގީމެވެ. އަދި އޭގައި ހުރި ހެދުންތަކުގެ ދަށުގައި އޮތް ކުޑަކުޑަ ފޮށި ހުޅުވާލީމެވެ. އޭގައި ހުރި ކުދި ނޯޓްކޮޅުތަކަކީ އަހަރެންގެ ހިތުގެ އެއްބަޔެވެ. އަދި ކުދި ގަނޑުކޮޅުތަކުގެ ދަށުގައި ފަތް ޖަހާފައި އޮތް ސިޓީ އަހަރެން ހުޅުވާލީމެވެ. އެއީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ސިޓީއެވެ. އޭރު އަހަންނަށް ރަނގަޅަށް ރޮވިއްޖެއެވެ. ސިޓީ ކިޔަމުން ދިޔަ ވަރަކަށް އަހަރެންގެ ލޯ ފުސްވަމުން ދިޔައެވެ. ލޯ ފުހެލުމަށްފަހު ސިޓީ ހިފައިގެން ގޮސް އަހަރެން އެނދުގައި އޮށޯވެ ހަމަޖެހިލީމެވެ. އަދި މާޒީގެ ތެރެއަށް ފީނާލީމެވެ.
އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. އަހަރެންގެ ރަށަކީ އަތޮޅުގެ ނިސްބަތުން ތަޢުލީމީ ފެންވަރު ރަނގަޅު ރަށެކެވެ. އޭރު މުޅި އަތޮޅުގައިވެސް އޭލެވެލް ހެދެނީ އަހަރެމެން ރަށުގައި އެކަންޏެވެ. އެހެންކަމުން އަތޮޅުގެ ގިނަ ރަށްރަށުންނާއި ކައިރި އަތޮޅުތަކުގެ ރަށްރަށުންވެސް ގިނަ ޢަދަދެއްގެ ކުދިން ރަށަށް ކިޔަވަން އާދެއެވެ.
އޭރު އަހަރެން އުޅުނީ ގްރޭޑް އެގާރައިގައެވެ. މާ ގިނަ ކުދިން ނުތިބޭތީ ގްރޭޑް އެގާރަ އަދި ބާރައިގައި، ކޮންމެ ގްރޭޑެއްގައި އޮންނަނީ އެއް ކްލާހެވެ. ގްރޭޑް ބާރައިގެ ދަރިވަރުން ހެނދުނު ދަންފަޅީގައި ދާއިރު އެގާރައިގެ ދަރިވަރުން ދަނީ މެންދުރު ފަހު ދަންފަޅީގައެވެ. ދެބައި މީހުންވެސް ތިބެނީ އެއް ކްލާސް ރޫމެއްގައެވެ.
އަހަރެންނަކީ ގްރޭޑް ދިހައެއްގައި އުޅުނުއިރު ސްކޫލް އަންހެން ކެޕްޓަނެވެ. އެފަހަރުގެ ސްކޫލް ބެސްޓް އޯލް ރައުންޑެވެ. ސްކޫލް ގަދަ ދިހައެއްގެ އެއްވަނައެވެ. އޯލެވެލްގައި ނޭޝަނަލް ޓޮޕް ޓެންގެ ދެވަނަ އަހަރެންނަށް ލިބުނެވެ. އެންމެ ކުރީއްސުރެ އަހަރެންގެ ނަމަކީ ދިވެހި އަދި އިނގިރޭސި ގިނަ އަދަބީ ޙަރަކާތްތަކުގައި ގަދަ ތިނެއްގައި ނުހިމެނި ނުދާ ނަމެކެވެ. ކިޔެވުމަށް އަހަރެން ކުރާ ބުރަ މަސައްކަތާއި އެއްވަރަށް ޓީޗަރުންނަށް އަހަރެން ކުރާ އިޙްތިރާމްގެ ސަބަބުން އަހަރެންނަކީ ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންގެ ލޯބި ލިބިފައިވާ ކުއްޖެކެވެ.
އުމުރުގެ އެހިސާބަށް ދިޔައިރު އަހަރެންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ބޯއީ ފެރެންޑެއް ނުހުންނަނީ އަހަރެންގެ އެކަންޏެވެ. ހުށަހެޅުން ނުލިބެނީކީ ނޫނެވެ. އަހަރެން އެންމެ ގަޔާވާ ކުއްޖާގެ ހުށަހެޅުން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި، ލިބެމުން ދިޔަ ހުރިހާ ހުށަހެޅުމަކަށް އަހަރެން ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. އަހަންނަކީ ހުތުރު ކުއްޖެކޭ ނުބުނެވޭނެއެވެ. އިސްކޮޅާ ރޫފަ އެއްވަރެވެ. ހަމުގެ ކުލަ އައްޔެވެ. އިސްތަށިގަނޑު ފަނެވެ. އިސްކޮޅުން މާ ދިގު ނޫނަސް އައިބުވާހާ ކުރެއްނޫނެވެ. ނަމަވެސް އަހަރެން އެންމެ ގަޔާވާ މާކިންގެ ފަރާތުން އަހަންނާ ގޔާވާކަމުގެ އެއްވެސް އިޝާރާތެއް ނުވެއެވެ.
މާކިންއަކީ އަހަރެންގެ އަވަށްޓެރިޔެކެވެ. އަހަރެމެން ކުޑައިރު އެކީގައި ކުޅެން އުޅުނީމެވެ. ނަމަވެސް ފުރާވަރަށް އެރުމާއެކު މާކިން އައު ރައްޓެހިން ހޯދިއެވެ. އޭގެ ސަބަބުން އަހަރެމެންގެ ގުޅުން ހީނަރުވަމުންގޮސް ހަމައެކަނި ފެނުމުން ހިނިތުންވެލާހާ ދުރުވިއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މާކިންގެ ފަރާތުން ލޯބީގެ ހުށަހެޅުން ލިބޭނެކަމުގެ އިންތިޒާރުގައި އަހަރެން މަޑުކޮށްލައިގެން ހުރީއެވެ. މާކިންއަކީ ކިޔެވުމަށް މޮޅު ކުއްޖެއް ނޫނެވެ. އިތުރު ޙަރަކާތްތަކުގައިވެސް އެއްވެސް ވަރަކަށް އިސްނަގައިގެން އުޅޭތަނެއް ނުފެނެއެވެ. ނަމަވެސް އަހަންނަށް ގަޔާވެވުނީ އޭނާގެ އެ ހުންނަ މަޑުމައިތިރިކަމާއި ހީލުމުން ކޮލަށް އެޅޭ އަޑިކޮޅުގައެވެ. އިސްތަށި ބޯ ބުމައާއި ފަން އިސްތަށިގަނޑުގައެވެ. ކިޔެވުމަށް މޮޅު ނޫނަސް މާކިންއަކީ އަޚުލާޤު ރަނގަޅު ކުއްޖެކެވެ.
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެމެންގެ ކްލާސް އިންނަނީ ފުރަތަމަ ފަންގިފިލާގައި ލައިބްރަރީއާ ޖެހިގެންނެވެ. ގިނަ ދުވަސް ދުވަހު އަހަރެން ކްލާހަށް ވަންނަން އަންނަ ގަޑީގައި ސިޑިމަތިން މާކިން އަދި އޭނާގެ ރައްޓެހިންނާ ދިމާވެއެވެ. އެއިން ކޮންމެ ދުވަހަކުވެސް މާކިން އަހަންނަށް ހިނިތުންވެލައެވެ.
ވިއްސާރަ ދުވަހެކެވެ. އެދުވަހު އަހަންނަށް ކްލާހަށް ދެވުނީ އެހެންނޫނީ ދާ ގަޑިއަށްވުރެ ތަންކޮޅެއް ލަހުންނެވެ. ކްލާހަށް ވަދެ ޓީޗަރު އަންނަންވާއިރަށް އަވަހަށް ފޮތްތައް ޑެސްކްގެ ވަތްގަނޑަށްލާ ހަމަޖެހިލެވޭތޯ އަހަރެން ބެލީމެވެ. ފޮތްތައް ލާން ބަލާލިއިރު ވަތްގަނޑުގައި ގަނޑުކޮޅެއް އޮއްވާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ގަނޑުކޮޅު ނަގާ ބަލާލިއިރު އޭގައި އިނގިރޭސިން "ހައި ބިއުޓިފުލް" އެހެން ޖަހާފައި އޮތެވެ. އަދި ތިރީގައި ހިތަކާއެކު އިނގިރޭސިން "އެމް" އަކުރު ޖަހާފައި އޮތެވެ. އެއީ މާ ބޮޑު ކަމަކަށް ނުހަދާ އަހަރެން ގަނޑުކޮޅު އެއްލާލަން އުޅުނީމެވެ. ނަމަވެސް ހިތަށް އެރި އެއްޗަކުން ދެވަނަ ފަހަރަށް އަނެއްކާ އެ ލިޔުންކޮޅު ކިޔާލީމެވެ. އެވަގުތު އަހަންނަށް ހިތާހިތުން ދުޢާ ކޮށްލެވުނީ އެއީ މާކިންގެ ނޯޓްކޮޅަކަށް ވުމަށެވެ. އެ ޚިޔާލުން އެކަނިވެސް އަހަންނަށް ހިނިތުންވެލެވުނެވެ.
އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް އަހަރެންގެ ޑެސްކްގައި ނޯޓްކޮޅެއް އޮވެއެވެ. މުޚާތަބުކޮށްފައި ހުންނަގޮތުން އެމީހަކު އެ ބަސްތައް ނިސްބަތްކޮށްފައި ހުންނަނީ ސީދާ އަހަންނަށްކަން އެނގެއެވެ. ބައެއް ދުވަސްދުވަހު ލޯބީގެ ޅެން ބައިތު، އަނެއްބައި ދުވަސްދުވަހު އިނގިރޭސި ބަސްކޮޅުކޮޅު، އަދި އަނެއްބައި ދުވަސްދުވަހު އަހަރެންގެ ސިފަތަކަށް ތަޢުރީފުކޮށްފައި ހުރެއެވެ. އަދި ހުރިހާ ނޯޓްކޮޅެއްގެ ތިރީގައި ހިތަކާއެކު އިނގިރޭސިން "އެމް" އަކުރު ލިޔެފައި އޮވެއެވެ. ކޮންމެއަކަސް އެ ނޯޓުކޮޅުތައް ލިޔެފައި ހުންނަނީ ދިވެއްސަށާއި އިނގިރޭސިއަށް ވަރަށް މޮޅު ކުއްޖެއްކަން އަހަންނަށް ކަށަވަރުވިއެވެ.
ނޯޓުކޮޅުތައް ލިބޭތާ ތިން ހަފްތާ ވެގެންދިޔައިރުވެސް އަހަރެން ރައްދުގައި އެއްވެސް އެއްޗެއް ނުލިޔަމެވެ. ނަމަވެސް އެ ހުރިހާ އެއްޗެއް އަހަރެން ރައްކާކޮށްފައި ބެހެއްޓީމެވެ. ހަތަރުވަނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އާދައިގެމަތިން ކްލާހަށް ވަދެ ގޮނޑީގައި ހަމަޖެހިލާފައި އަހަރެން ޑެސްކްގެ ވަތްގަނޑު ބަލާލީމެވެ. އުއްމީދުކުރި ގޮތަށް އެދުވަހުވެސް ނޯޓްކޮޅެއް އޮތެވެ. ނޯޓުކޮޅާއެކު އެދުވަހު ފިޔާތޮށި ކުލައިގެ ފިނިފެންމަލެއްވެސް އޮތެވެ. އަހަރެން މަޑު މަޑުން މަލުގައި ވަސް ގަތުމަށްފަހު ނޯޓުކޮޅު ހުޅުވާލީމެވެ. އޭގައި އެދުވަހު ލިޔެފައި އޮތީ ވަރަށް ބޮޑު ވާހަކައެއް ދައްކާލުމަށް ހުކުރުދުވަހުގެ ރޭ އހަރެންނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކައެވެ. 8 ޖަހާއިރު އަހަރެންގެ ގޭ ދޮރުމަތީގައި އިންތިޒާރުކުރާނެ ވާހަކަވެސް އޮތެވެ. އޭރު އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެއެވެ. އެންމެ ފަހުން އަހަރެންގެ ދިގު އިންތިޒާރު ނިމުމަކަށް އަންނަކަމުގެ އުއްމީދު އަހަރެންގެ ހިތުގައި އާވިއެވެ.
ހުކުރު ދުވަހު ހެނދުނު ހޭލީއްސުރެ އަހަރެން ހުރީ ހުވަފެނީ ދުނިޔެއެއްގައެވެ. އެދުވަހު އަހަރެންގެ ތުންފަތުން ހިނިތިންވުން ފިލައިގެން ނުދެއެވެ. ޢިޝާ ނަމާދުކޮށް ނިންމާލުމަށްފަހު އަހަންނަށް ރީތިވެވުނު އެންމެ ފުރިހަމައަކަށް ރީތިވެލީމެވެ. އަތުގައި އޮތް އެންމެ އައު ހެދުންލާ ސެންޓު ޖެހީމެވެ. އަދި ގަޑިން 07:55 ވުމާއެކު މަޑުމަޑުން ގެއިން ނުކުތީމެވެ. ގޭ ދޮރޯށި ހުޅުވާލާފައި ދެކޮޅު ބަލާލިއިރު މާކިންއާ އޭނާގެ ކްލާހުގައި އުޅޭ އޭނާގެ އެންމެ ގާތް އެކުވެރިޔާ މިހާދު، މާކިންގެ ގޭ ދޮރުމަތީގައި ތިއްބެވެ. އަހަރެން ނުކުތްތަން ފެނި، ދެމީހުން އަހަރެން ކައިރިއަށް އަންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ހިތް ހީވަނީ ފަޅާލާފައި ނުކުމެދާނެ ހެންނެވެ. އަތްފައިން އޮށްދާ ހިއްލާ މީހާއަށް ރަނގަޅަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެން މާކިންއަށް އިންތިޒާރުކުރާތާ ވީ އެންމެ އަހަރެއް ދެއަހަރެއް ނޫނެވެ. އަހަރެންގެ އުމުރުން ދިހަ އަހަރުއްސުރެ އަހަރެން މާކިންއާ ގަޔާވެއެވެ.
ގޭ ދޮރޯށި ލައްޕާލުމަށްފަހު އަހަރެން ދޮރޯށީގައި ލެނގިލައިގެން ހުރީމެވެ. އެދެމީހުން އަހަރެންނާ އަރާ ހަމަވުމަށްފަހު ދެމީހުން ދެމީހުންގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަދި މާކިން މިހާދުއަށް "ބެސްޓް އޮފް ލަކް" އޭ ބުނުމަށްފަހު ކޮނޑުގައި ޖަހާލާފައި އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ. އޭރު އަހަރެން ހުރީ މިވާ ގޮތެއް ނޭނގޭތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މާކިން ދިޔަ ދިމާއަށް އަހަރެން ނަޒަރު ހުއްޓާލައިގެން ހުއްޓާ މިހާދު އަހަރެންގެ ނަމުން ގޮވާލިއެވެ. މިހާދުގެ އަޑަކީ ފިރިހެންވަންތަ، ބަރު އަޑެކެވެ. މިހާދަކީ އަތޮޅުގެ އެހެން ރަށަކުން ކިޔަވަން އައިސްހުރި ކުއްޖެކެވެ. ގްރޭޑް ފަހަކުން ފެށިގެން އޭނާ ކިޔަވަމުން ދިޔައީ އަހަރެމެން ރަށު ސްކޫލްގައެވެ. އެއީ އެ ބެޗުގެ ކިޔެވުމުގެ އެއްވަނައެވެ. އަހަރެންނެކޭ އެއްގޮތަށް ދިވެހި އަދި އިނގިރޭސި އަދަބީ ގިނަ ޙަރަކާތެއްގައި އަބަދުވެސް މިހާދުގެ ނަން ވިދާލައެވެ. ފުޓްބޯޅަ، ބާސްކެޓް ބޯޅަ އަދި ބެޑްމިންޓަންގައިވެސް އެއީ ދެވަނައެއް ނުވާ ކުޅަދާނަ ކުޅުންތެރިއެކެވެ. އިސްކޮޅުން ދިގެވެ. ބާމަތި ފުޅަލެވެ. އަންހެން ކުދިންގެ "ޑްރީމް ބޯއީ" އެއްގެ ހުންނަން ބޭނުންވާ ހުރިހާ ސިފައެއް ޤުދުރަތުން މިހާދަށް ދެއްވާފައިވެއެވެ.
"ނޯޓް ކޮޅުތަކުގެ ޖަވާބު ނުދިނަސް އަހަންނާ ވާހަކަ ދައްކާލެވިދާނެއެއްނު." އަހަރެންގެ ލޯ ކުރިމަތީ އަތް ހޫރާލަމުން މިހާދު ވާހަކަދެއްކިއެވެ.
"މިހާދުތަ އެ ނޯޓްކޮޅުތައް ލިޔަނީ؟" އޭރު އަހަރެންގެ އަޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ.
"ކިހިނެއްވީ؟ ޝަބާ އުއްމީދުކުރީ އެހެން މީހަކަށްތަ؟" ކުޑަކޮށް އަހަރެންގެ މޫނާ ދިމާއަށް ގުދުވެލަމުން މިހާދު ބުނެލިއެވެ.
'ނޫނޭ... އެހެނެއް ނޫން. ކޮން ވާހަކައެއް ދައްކަންތަ ތިއައީ؟" އޭރު ނާކާމިޔާބީގެ ހިތި ރަހަ އަހަރެންގެ ކަރު ބުޑުގައި ލާން ފަށައިފިއެވެ. އަދި މަޑުމަޑުން އަހަރެންގެ ލޮލުގައި ކަރުނަ ގިނަވާކަމުގެ އިޙުސާސް ކުރެވެން ފަށައިފިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި މިހާދާ ވާހަކަ ދެއްކޭތޯ އަހަރެން ބެލީމެވެ.
"މިހާރު ޝަބާއަށް އެނގިފަ ކަންނޭނގެ އޮންނާނީ އަހަރެން ޝަބާއާ ލައިކްވާކަން." އިސްދަށަށް ޖަހައިގެން ހުރެ މިހާދު ވާހަކަ ދައްކަމުން ދިޔައެވެ. އެ މޫނުން ތެދުވެރިކަން ނޫން އިތުރު އެއްޗެއް އަހަންނަކަށް ނުފެނެއެވެ. ޖެހިލުންވެފައި ހުރިކަން ފަޓުލޫނު ޖީބުގައި އޮތް އޭނާގެ ދެއަތް ރަމްޒުކޮށްދެއެވެ.
"އަސްލު ލައިކެއްވެސް ނޫން.... ލޯބި ވަނީ. އަހަރެން ޝަބާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުންވަނީ ޝަބާއާ ކައިވެނިކޮށް އުމުރު ދުވަހު ޝަބާއާއެކީ ރީތި ދިރިއުޅުމެއް އުޅެން. ކޮންމެހެން ރައްޓެހިވެގެން ގިނަ ދުވަހު ކުޅިވަރު ކުޅޭކަށް އަހަރެން ބޭނުމެއް ނޫން. އޭލެވެލް ނިންމާފައި އަހަރެން މިއުޅެނީ އިތުރަށް ކިޔަވަން މާލެ ދާން. އަހަރެންގެ ބޮޑުބޭބެ ހުންނަނީ މާލެގަ. ބޮޑުބޭބެގެ ކުންފުނިން އަހަންނަށް އޮތީ ވަޒީފާވެސް ހަމަޖެހިފަ. ޝަބާ އޭލެވެލް ނިމުމުން ބޭނުންނަމަ ކިޔަވަން އަހަންނާއެކު މާލެވެސް ދެވިދާނެ. އެކަމަކު އަހަރެން ޝަބާ ގެންދަން ބޭނުންވަނީ މެރީ ކޮށްގެން." އެހިސާބަށް ވާހަކަ ދިޔައިރު މިހާދު ހުރީ އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. އޭނާގެ ލޮލުން ލޯބި ނޫން އިތުރު އެއްޗެއް އަހަންނަކަށް ނުފެނެއެވެ. އޭނާގެ ވާހަކަތަކުން އޭނާގެ ހަރުދަނާކަން ދޭހަވިއެވެ.
"ޝަބާ ހީކޮށްފާނެ ޝަބާގެ ޖަވާބަކަށްވެސް ނުބަލާ އަހަރެން ހުރިހާ ޕްލޭނެއްކޮށް ނިންމާލީއޭ. ޝަބާ ނޫނެކޭ ބުންޏަސް، ދެން އަހަރެންގެ ޙަޔާތަށް އަންނަ ކުއްޖަކާމެދުވެސް އަހަރެން ކަންތައްކުރަން ނިންމާފައި އޮތީ ހަމަ މިހެން. މިވަގުތު ޖަވާބެއް ނުދިނަސް މައްސަލައެއް ނެތް. ޝަބާގެ ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން. އަހަރެން އުފާވާފަދަ ޖަވާބެއް ލިބޭނެކަމަށް އުއްމީދުކުރަން. ދެން ދަނީ އިނގޭ." ސާބިތުކަމާއެކު ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށްފަހު މިހާދު އެނބުރި ދާން ހިނގައިގަތެވެ.
ދުވަމުން ދުވަމުން ކޮޓަރިއާ ދިމާއަށް އަހަންނަށް ދެވުނީ ހަމަ ކިރިޔާއެވެ. ގަދަކަމުން ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. މާކިންއަށް އަހަރެން ކަމު ނުދަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ އަންހެންކުދިން މަށަށް މަށަށް ގޮވާލަ ގޮވާލަ ތިބި މިހާދަށްވެސް އަހަރެން ކަމުގޮއްސިއެވެ. މާކިންއަކީ މިހާދުގެ ކަނާތެވެ. އެދެމީހުން އުޅެނީ އެހާވެސް އެއްކޮށެވެ. މާކިންއަށް ކަމުދާނަމަ މިހާދު އަހަރެންނަށް ލޯބި ހުށަނާޅާނެކަން ޔަޤީނެވެ. އެދެމީހުންގެ ގުޅުމަކީ އެހާވެސް ގާތް ގުޅުމެކެވެ. އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ދެފަރާތުން ހިފާ ފިއްތާލިހެންނެވެ. އަހަރެން ދެން ވަކި ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އަދިވެސް މާކިންއަށް އިންތިޒާރުކުރަންވީހެއްޔެވެ؟ އެރޭ ރޮއި ރޮއި ވަރުބަލިވެގެން ނިދުނު އިރެއްވެސް އަހަންނަކަށް ނޭނގެއެވެ.
މިހާދުގެ ހުށަހެޅުމުގެ ވާހަކަ އަހަރެން މަންމައަށާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒީނާ އަށް ކިޔައިދިނީމެވެ. ފެށުނީއްއސުރެ އަހަރެންގެ ހުރިހާ ކަމެއް އެންމެ ކައިރިން ހިއްސާކުރަމުން އައީ އެ ދެމީހުންނާއެވެ. ދެމީހުންވެސް ދެއްކީ އެއްވާހަކަތަކެކެވެ. މިހާދުގެ ހަރުދަނާ ވާހަކައެވެ. މާކިންގެ ލޯބި ލިބެން ނެތްކަން އެނގޭއިރު އިންތިޒާރު ކުރުމަކީ ފޫނެއް ފާޔަށް ފެންފުރުން ކަހަލަ ކަމެއްކަމުގައެވެ. މާކިންގެ އިންތިޒާރުގައި އެހެން ހުއްޓާ މިހާދު ކަހަލަ ރަނގަޅު ކުއްޖަކު ގެއްލިގެން ގޮސްފިނަމަ އުމުރު ދުވަހު ހިތާމަ ކުރަން ޖެހިދާނެކަމެވެ. ދެން އަދި އަމުދުން މާކިންގެ އެންމެ ގާތް އެކުވެރިޔާ ލޯބި ހުށަހެޅުމަކީ، މާކިން ލޯބި ނުވާ ކަމުގެ ހެއްކެއް ކަމުގައި ބުނެ، މިހާދުގެ ހުށަހެޅުން ޤަބޫލުކުރުމަށް ދެމީހުންވެސް އަހަރެންނަށް ހިތްވަރުދިނެވެ.
އެދެމީހުން އަހަންނަށް ދެރައެއް ލިބޭކަށް ނޭދޭނެއެވެ. އެމީހުން ވިސްނާނީ އަހަންނަށް އެންމެ ރަނގަޅު ގޮތަށެވެ. އަދި މަންމަ ބުނި ގޮތުގައި އެމީހަކު ލޯބިވާ މީހަކަށްވުރެ އެމީހަކު ދެކެ ލޯބިވާ މީހަކު ހޯދުމުން ގުޅުން ދަމަހައްޓަން މާ ފަސޭހަވާނެއެވެ. މަންމައާ ޒީނާގެ ވާހަކަތައް އެހުމަށްފަހު ހިތުގައި ލިޔެވިފައިވާ މާކިންގެ ނަމުގެ މަތީގައި މިހާދުގެ ނަން ލިޔެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އެއީ ހީކުރިވަރަށްވުރެ އުނދަގޫ ކަމެކެވެ.
މިހާދު އުފާވާގޮތަށް އަހަރެން ޖަވާބު ދިނީމެވެ. އަހަރެންގެ ޖަވާބު އަހާފައި މިހާދުގެ ލޮލުން ކަރުނަ އައިތަން އަހަރެން ދެކުނީމެވެ. އެކަމުން، އިތުރަށް އެ ގުޅުން ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް އަހަރެންނަށް ލިބުނެވެ. މިހާދުވީ އަހަންނާއި އަހަރެންގެ ޢާއިލާއަށް އިޙުތިރާމްކުރާ، މަންމައާ ބައްޕަގެ ލޯބި ހޯދުމުގައި ދެވަނައެއް ނެތް ބައިވެރިއަކަށެވެ.
އެއްބަސްވި ގޮތަށް އަހަރެން އޭލެވެލް ނިމުމާއިއެކު، ކައިވެނިކުރަން އަހަރެންގެ ރަށަށް މިހާދު އޭނާގެ ޢާއިލާއާއެކު އައެވެ. ދެ ޢާއިލާ ތިބީ މާކުރިއްސުރެ ބައްދަލުކޮށް ހުރިހާ ކަމެއް ނިންމައިގެންނެވެ. ނަމަވެސް އޭރުވެސް މާކިންގެ ނަން އަހަރެންގެ ހިތުން ފިލައިގެން ނުދެއެވެ. އެހެންނަމަވެސް އަހަރެންނަކީ މީހަކަށް ދެރައެއް ދޭނެ މީހެއް ނޫނީމުއެވެ. އަމުދުން މިހާދު ކަހަލަ، އަހަންނަށް އަޅާލާ، ލޯބިވާ، ތެދުވެރި ބައިވެރިޔަކަށެވެ.
ﷲ އާ ވަކީލުކޮށް އަހަރެން މިހާދާ ކައިވެނިކުރީމެވެ. ކައިވެންޏަށްފަހު މާ ބޮޑު ޕާޓީއެއް ނުބާއްވަމެވެ. ޢާއިލާއާ ރަޙްމަތްތެރިންނަށް ސަޔެއް ދިނުމަށްފަހު އަހަރެމެން އެކަން ނިންމާލީމެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި މިހާދުގެ އެންމެ ކައިރީގައި މާކިން އުޅުނުތަން އަހަރެން ދުށީމެވެ. ކައިވެންޏަށްފަހު ޖެހިގެން އައި ދުވަހު މިހާދުގެ ޢާއިލާ މީހުން ރަށަށް ދިޔައެވެ. ނަމަވެސް އަހަރެމެން މާލެ ފުރަން ހަމަޖެހުނީ ތިން ދުވަސް ފަހުންނެވެ. ގެންދަންޖެހޭ އެއްޗެހި ގިނަކަމުން އެ ތިންދުވަހުވެސް އަހަރެން އުޅުނީ އެއްޗެހި ފޮށި ފޮށްޓަށްއަޅާ ތައްޔާރުކުރުމުގައެވެ.
ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ދޮވެފައި ހުރި އެއްޗެހިތައް ފަތް ޖަހާފައި ފޮށްޓަށް އަޅަން ހުއްޓާ މީހަކު އަހަރެންގެ ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. އޭރު މިހާދު ވީ ރައްޓެހިންނާއެކު ކޮފީއަކަށް ގޮހެވެ. އަހަރެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އަހަރެންގެ އަވަށްޓެރި ފާތުންނެވެ. އޭނާއަށް ހިނިތުންވެލާފައި އެތެރެއަށް ވަންނާށޭ ކިޔާފައި އަހަރެން އަނެއްކާވެސް ކުރަން ހުރި މަސައްކަތަށް އެނބުރިލީމެވެ. އެވަގުތު ފާތުން އަހަންނަށް ދިއްކޮށްލީ ފަތްޖަހާފައި އޮތް ގަނޑެކެވެ. "މިއީ މާކިން ދިން އެއްޗެއް." އެހެން ބުނުމަށްފަހު އަވަސް އަވަހަށް ފާތުން ނުކުމެގެން ދިޔައެވެ. އެއީ ކޯއްޗެއްބާއޭ ހިތާ އަހަރެން އެނދުގައި ރަނގަޅަށް ހަމަޖެހިލާ އެ ގަނޑު ހުޅުވާލީމެވެ. އެއީ ސިޓީއެކެވެ.
ޝަބާ އަށް،
ހެޔޮ ދުޢާ ސަލާމް.
އަހަރެން މިސިޓީ މި ލިޔަނީ ކޮންމެހެން މައްސަލަތަކެއް ފެންމަތިކުރުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އުމުރަށް މިވާހަކަތައް ފޮރުވާފައި ބާއްވައިފިނަމަ އަހަރެންގެ ހިތަށް ލުޔެއް ނުލިބޭނެކަން އެނގޭތީއެވެ. ކުރިން މި ވާހަކަތައް ކިޔައި ނުދިނީ އަހަރެންގެ ފިނޑިކަމުންނެވެ. ނަމަވެސް މިއަދު އަހަރެން މިވާހަކަތައް ޝަބާއަށް ކިޔައިދޭން ބޭނުމެވެ.
ޝަބާއަށް އެނގޭ ހެއްޔެވެ؟ ކުޑައިރު ކުޅެން އުޅުނުއިރު ރޮއިގެން ނޫނީ ތަޅާ ފޮޅައިގެންވިޔަސް އަހަރެން ޝަބާއާ އެއް ޓީމަކަށް އަރަނީ ކޮންމެހެން ޝަބާ ކުޅެން މޮޅުކަމުންނޫނެވެ. ނަމަވެސް އޭރުވެސް އެހެންކުދިންނަށްވުރެ އަހަންނަށް ޝަބާ ޚާއްޞަވީމައެވެ. އޭރު އެ އިޙުސާސަކީ ކޯއްޗެއްކަން ނޭނުގުނަސް ތަންދޮރު އޮޅުންފިލަން ފެށުމުން އެއީ ގަޔާވުންކަން އަހަންނަށް އެނގުނެވެ. ޝަބާ މަންމައާއެކު ސްކޫލަށްދާއިރު އަހަރެން ރައްޓެހިންނާއެކު ދަމުންވެސް ޝަބާއަށް ސިއްރުން ބަލަމެވެ. ޝަބާ ބަލާލާތޯ ދުޢާވެސް ކުރަމެވެ. އަބަދުވެސް ޝަބާ ފެންނަ ހިސާބުގައި ހުރުމުން އަހަންނަށް އުފާ ލިބެއެވެ.
ބޮޑުވަމުން އައި އިރު ޝަބާ ވީ ތޫނި ފިލި، ކަންކަމުގައި ކެރޭ، ރައްޓެހިންނާ ޓީޗަރުންގެ މެދުގައި މަޝްހޫރު ކުއްޖަކަށެވެ. ނަމަވެސް އަހަރެން މީ އޭގެ އިދިކޮޅެވެ. އަހަންނަކީ ޝަބާއާ އަޅާ ބަލާއިރު ކިޔެވުމުގައި ހަމަ ސުމެކެވެ. ގަންނަ ލަދެއްގެ ސަބަބުން މީހުން ކުރިމަތީގައި ވާހަކަ ދައްކަން އަހަރެން ޖެހިލުންވެއެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ޝަބާއާމެދު އަހަރެންގެ ހިތުގައި އުފެދިފައި ހުރި އިޙުސާސްތައް ހާމަކުރުންވީ ވުމަށްވުރެ ނުވުން ކައިރި ކަމަކަށެވެ. ޝަބާއާ އަޅާބަލާއިރު އަހަންނަކީ ކާކު ހެއްޔެވެ؟
އެހެން ހުއްޓާ އަހަރެންގެ ހިތް މަރުވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝަބާދެކެ ލޯބިވާކަން އެނގުމުންނެވެ. މިހާދަކީ މީހަކަށް ދެދުނިޔޭގައިވެސް ރަޙްމަތްތެރިޔަކަށް ލިބޭނެ އެންމެ ރަނގަޅު އެކުވެރިޔާއެވެ. މިހާދު ޝަބާދެކެ ލޯބިވާކަން އެނގުނު ދުވަހު، މީހަކު އަހަރެންގެ ހިތް ވަޅިއަކުން ކޮށާ ކުދިކޮށްލިފަދަ އިޙުސާސެއްކުރެވުނެވެ. ނަމަވެސް އެކަމުގައި މިހާދުގެ އެއްވެސް ކުށެއް ނެތެވެ. އަހަރެން ޝަބާދެކެ ލޯބިވާކަން އެނގޭނަމަ އެންމެ ސިކުންތަކުވެސް މަޑުނުކޮށް މިހާދު އަހަންނަށް ޝަބާ ދޫކޮށްލާނެކަން އެއީ އަހަރެންނަށް ޔަޤީންކަމެކެވެ. އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަރެން މިހާދަށް އިތުބާރު ކުރަމެވެ.
ނަމަވެސް އަހަންނަށް ވިސްނުނުގޮތުގައި ހުރިހާ ގޮތަކުން ބެލިޔަސް ޝަބާއަށް އެންމެ އެކަށީގެންވަނީ މިހާދެވެ. އޭނާއަކީ، އުމުރަށްވެސް އަހަންނަށްވުރެ މާ ފުރިހަމައަށް، ޝަބާ އުފަލުގައި ގެންގުޅެވޭނެ މީހެއްކަން އެއްވެސް ޖެހިލުމެއްނެތި އަހަންނަށް ބުނަން ކެރޭނެއެވެ. މި ހުރިހާކަމެއް މިހެން އޮތްއިރު ޝަބާ އަހަރެންނާމެދު ދެކޭގޮތްވެސް އެނގެނީކީ ނޫނެވެ.
މިހާދުގެ ފަރާތުން ހުރިހާ ނޯޓެއް ލިޔުނީ އަހަރެންނެވެ. އެއީ މިހާދު ލޯބި ނުވާތީއެއް ނޫނެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އޭނާއަކީ އެހާ ރޮމޭންޓިކް މީހެއް ނޫނެވެ. އަހަރެންނަކީވެސް މާ ރޮމޭންޓިކް މީހެއްނޫނީމުއެވެ. ނަމަވެސް އަހަރެންގެ ހިތުގައި، މާކުރިއްސުރެ ހުރި ޝުޢޫރުތަކެއް ހާމަކުރަން އަހަންނަށް ފަސޭހަވާނެ ނޫންހެއްޔެވެ؟
ޝަބާގެ ޖަވާބު ހިފައިގެން މިހާދު އެންމެ ފުރަތަމަވެސް އައީ އަހަރެންގެ ކައިރިއަށެވެ. އެދުވަހު އޭނާ އުފާވެފައިހުރިވަރަށް އުފާވެފައި ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެދުވަހު އަހަރެންގެ ހިތުގައި އެޅި ވޭން އެނގޭނީ ހަމައެކަނި އަހަންނާއި އަހަރެންގެ ވެރި އިލާހަށެވެ. ނަމަވެސް އަހަރެން ކެތްކުރީމެވެ. އަހަރެންގެ އެކުވެރިޔާގެ އުފަލުގައި އަހަރެން އެންމެ ފުރިހަމައަށް ބައިވެރިވީމެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ޙަޤީޤީ ލޯތްބަކީ އަނެކާ އަބަދުވެސް އުފަލުގައި އުޅޭތަން ދުށުމެވެ. އޭނާއަށް ހެޔޮ ދުޢާ ކުރުމެވެ.
މިހާދަށް މީގެން އެއްވެސް ވާހަކައެއް ނޭންގުން އެއީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. މަސްލަޙަތަށްޓަކައެވެ. އަހަރެމެންގެ ރަޙްމަތްތެރިކަމުގެ ޙައްޤުގައެވެ. އަހަރެންގެ ދުޢާއަކީ ކިތަންމެ ދުރުގައި ހުއްޓަސް އަބަދުވެސް ޝަބާ އުފަލުގައި ހުރުމެވެ. އަހަރެން މިވާހަކަތައް މި ލިޔުނީ އަހަރެންގެ ހަލާކުވެފައިމިވާ ހިތަށް ކުޑަ ނަމަވެސް ޝިފާއެއް ލިބޭނެކަމުގެ އުއްމީދުގައެވެ.
.................................................................................................................................................
ސިޓީ ކިޔާ ނިމުނުއިރު އަހަންނަށް ގިސްލެވެއެވެ. އެވަގުތު ހިތުގައި ހުރި ޝަކުވާތައް މާކިންއަށް އަޑުއިއްވަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން ދުވެފައި މާކިންގެ ގެއާ ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ. ގޭގައިވެސް އަދި މަގުމަތީގައިވެސް އެވަގުތު މީހަކު ފެންނަން ނެތުން އެއީ އަހަރެންގެ ނަސީބެވެ.
އަހަރެން ދިޔައިރު މާކިން އެގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮތެވެ. އަދި އަހަރެން ފެނުމާއެކު ފުންމައިގެން ތެދުވިއެވެ.
"މާކިން ކީއްވެ؟ އަހަރެން ގާތުގައި އެންމެ ފަހަރަކުވެސް ބުނެލިނަމަ. ކުރިމަތީގައި ބުނަން ނުކެރެންޏާ މިގޮތަށް ސިޓީއެއް ނަމަވެސް ފޮނުވިނަމަ........." ގިސްލެވޭ ވަރުން ވާހަކަ ކުރިއަށް ނުގެންދެވިގެން އަހަރެން ހުއްޓާލީމެވެ. އޭރު ކުށްވެރިއެއްހެން މާކިން އިސްޖަހާލައިގެން އަހަރެންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.
"އެހެންނޫނަސް އަހަރެން އުފާވާނީ ކޮންކަމަކުންކަން މާކިން ނިންމީ ކޮން ހައިސިއްޔަތަކުން؟ މާކިންއަށް އެނގޭތަ މާކިންގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބޭނެކަމުގެ އުއްމީދުގައި އަހަރެން ކުރި ދިގު އިންތިޒާރު؟ އަށް އަހަރު އެއީ ކުރު މުއްދަތެއްތަ؟ އަހަރެން މިހާދަށް ޖަވާބު ދިނީ ހާދަ ހިތްވަރެއްކޮށްފައޭ...އަހަރެންގެ ހިތުގައިވެސް ހާދަ ވޭނެއް އެޅިއޭ....." އޭރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އެހިސާބަށް ވާހަކަ ދިޔައިރު މާކިން އަހަރެންގެ ކައިރިއަށް އައިސްފިއެވެ. އޭރު އޭނާއަށްވެސް ހުރީ ރޮވިފައެވެ.
"ޝަބާ ޕްލީޒް ނުރޮއި ހުއްޓާލާ.... އަހަންނަށް ޔަޤީން މިހާދު ޝަބާއަށް ދެރަގޮތެއް ނުހަދާނެކަން. އޭނަ އަބަދުވެސް ޝަބާ އުފަލުގަ ބަހައްޓާނެ." ވަރަށް ޔަޤީންކަމާއެކު މާކިން ބުންޏެވެ.
"ތިކަމާ އަހަރެން ދެބަހެއް ނުވަމޭ. އަހަރެން އަބަދުވެސް މިހާދަށް ވަފާތެރިވާނަން. އެކަމަކު މާކިން ހަނދާންކުރާތި. އަހަރެންގެ ހިތުން މާކިންގެ ނަން ފުހެލުން އެއީ ނުވާނެކަމެއް. ތި ނަން އަބަދުވެސް އަހަރެންގެ ހިތުގެ ކަނެއްގައި ވާނެ. ނަމަވެސް އަހަރެން އެދެނީ މާކިންވެސް މާކިންދެކެ ލޯބިވާ ރަނގަޅު ބައިވެރިއެއް ހޯދައިގެން ޒަވާޖީ ޙަޔާތެއް ފެށުން. އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް މާކިންއާއެކު ވާނެ." ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އަހަރެން މާކިން ގާތުން އެދުނީމެވެ.
ޖެހިގެން އައި ދުވަހު އަހަރެން މިހާދާއެކު ފުރީ ރީތި ދިރިއުޅުމެއް އުޅުމުގެ މަތިވެރި ޢަޒުމްގައެވެ. މާކިންއާ އެކުގައި ނުވެވުނަސް އޭނާގެ ލޯތްބާއި ހެޔޮ ދުޢާ އަބަދުވެސް އަހަރެންނާއެކު ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަންނަށް އޮތެވެ. އަހަރެން ބޯޓަށް އެރުމަށްފަހު، ފުރުވަން އައިސް ތިބި އެންމެންނާ ދިމާއަށް ވަކިވަކިން ނަޒަރު ހިންގާލީމެވެ. އޭރު މާކިންވެސް ހިތި ހިނިތުންވުމެއް ވެރިކޮށްލައިގެން އެންމެން ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެއީ މާކިންއާ އަހަރެންގެ ހަތަރު ކަޅި ބައްދަލުވި އެންމެ ފަހު ވަގުތެވެ. އެވަގުތު މާކިންގެ ލޯ ފެންކަޅިވެފައި ހުއްޓައި އަހަރެން ދުށީމެވެ.
މާކިން މާލެ އައިސްފިނަމަ މިހާދާ ބައްދަލުކުރެއެވެ. ނަމަވެސް އަހަރެމެންގެ ގެއަކަށް ނާދެއެވެ. ޗުއްޓީގައި އަހަރެމެން ރަށަށް ދިޔަޔަސް މާކިން އުޅެނީ އަހަންނާ ފިލައިގެންނެވެ. އަހަރެންވެސް އެހާވަރުން މާކިންއާ ބައްދަލުކުރާކަށް ނޫޅެމެވެ. ފަހަރެއްގާވެސް އަހަރެން ބަލިކަށިވެދާނެތީއެވެ. އަހަރެންގެ މަތިވެރި ޢަޒުމް ގުޑާފާނެތީއެވެ. މިހާދަކީ އަހަންނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަމަށްޓަކައި އަހަރެން އަބަދުވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވަމެވެ. މާޒީގެ ހިތި ޚިޔާލުތަކުން ނުކުމެވުނުއިރު ދަންވަރު ބާރަ ޖަހައިފިއެވެ. އަހަރެން ސިޓީގައި ބޮސް ދިނުމަށްފަހު ފޮށްޓަށްލާ ރައްކާކުރީމެވެ. އެއީ މާކިންގެ ފަރާތުން އަހަންނަށް ލިބުނު އެންމެ ފަހު ހަދިޔާއެވެ. މާކިންވެސް މީހަކާ އިނދެ މިހާރު ދެކުދިން ތިބެއެވެ. ނަމަވެސް އަހަރެންގެ ހިތުން އަދިވެސް އެނަން ފިލައިގެން ނުދެއެވެ. އެ ނަން އަހަރެންގެ ހިތުގައި ފޮރުވީ ދުވަހަކުވެސް ފޮހެނުލާ ގޮތަށެވެ.
ނިމުނީ
6 Responses
Samaa mee hama best
Miwaahakawes warah thafaathu adhi reethi.. ?
ވާއު. ވ ވވވވވވވ ފުރިހަމަ. ވވވވވވ ސަޅި. މިއީ ހަމަ އެންމެ ބެސްޓް ވަަާހަކަ
varah furihama. mihaathanah kiunu emme reethi vaahaka mee. kureege habdhaathah aavejje. school dhauru ekeee kurimathee sifavegen gossi. samage vaahakathah varah reethi. vaahaka kiyaafa hama rangalhahves rovihje ❤❤
މާޒީ ހަދާން ކޮއްދީފި.. ވަރަށް ކުދިންނަށް ސިޓީ، ލޯބީގެ މެސެޖް ފޮނުވި ކުއްޖެއް ހެންހީވޭ.. ??
Alhe Kurin buninama.. ladhun hure loabi husha neylhee ma thihen thivii..
Story varah furihama… ???