ތައުލީމީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދާއިރާގެ ކުރި އެރުމަށް މަޝްވަރާ ކުރެއްވުމަށް، ސްކޫލްތަކުގެ އިސްވެރިންނާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަހާސިންތާ މިއަދު ފަށައިފި އެވެ.
ދަރުބާރުގޭގައި ކުރިއަށްދާ މަހާސިންތާ އިފްތިތާހް ކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލުތައް ހިންގުމުގައި ދިމާވާ އެކި އެކި ގޮންޖެހުންތަކާއި މައްސަލަތަކަށް އިލްމީ މަޝަވަރާތަކެއް މި މަހާސިންތާގެ ސަބަބުން ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ތައުލީމީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، އަދި މިކަމުގެ ސަބަބުން ސްކޫލްތަކުގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރާ، ދަރިވަރުންގެ ނަތިޖާ ރަނގަޅުވެގެންދާނެކަމަށެވެ.
"އާ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަ ބަދަލަކީ ކުރިން މަރުކަޒު ކުރެވިފައިވާ ބާރުތައް ސްކޫލްތަކަށް ވީއްލުން، މިކަމުން ނުކުންނާނެ މަންފާތަކަށް ނަޒަރު ހިންގާލާއިރު މަރުކަޒީ ނިޒާމެއްގައި ކަންތައްތައް ހިނގަނީ ވަރަށް ލަސް ސްޕީޑެއްގައި، ލާމަރުކަޒީ ކުރުމުން ނިޒާމު އެފިޝަންޓް ވާނެ، ތައުލީމީ ނިޒާމަށް ބަދަލު ގެނެވޭނީ ކްލާސް ފެންވަރުގައާއި ސްކޫލް ފެންވަރުގައި ގިނަ މީހުންގެ ތާއީދު ލިބިގެން، މި ކަންކަމުގެ ސަބަބުން ސްކޫލްތަކުން ނެރެވޭ ތަރުބިއްޔަތާއި ތައުލީމުގެ ނަތީޖާ ރަނގަޅު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ ބޭފުޅުންގެ ތެރެއިން، ސްކޫލްތަކުގެ ވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވާ މި މަހާސިންތާ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެއެވެ.