މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި މަޝްހޫރުކަން ހޯދާފައިވާ "ޕަބްޖީ" އަކީ ޒުވާނުންގެ މެދުގައި މަޤްބޫލް ގޭމެކެވެ.
ކޮފީއަކަށް ދިޔަޔަސް ޕަބްޖީއެވެ. ނިދަމުންވެސް ޕަބްޖީއެވެ. ނިދިން ހޭލައިފައިވެސް ޕަބްޖީއެވެ. ނުވިތާކަށް ސުފުރާ މަތީގައާއި ފާޚާނަމަތީގައިވެސް ޕަބްޖީއެވެ.
ގެނެސްދޭން މިއުޅެނީ ޕަބްޖީގެ ތެރެއިން ފެށުނު ލޯބީގެ ގުޅުން ބަދަލުވެ ޒަވާޖީ ހަޔާތުގެ ގޮށް ޖަހާލުމަށް ތައްޔާރުވަމުން އަންނަ ދެ ޒުވާނުންގެ ވާހަކައެވެ.
އިޖިޕްޓަށް އުފަން ނޯހަން އަލް ހަޝިޝް އާއި އޭނާގެ ލޯބިވެރިޔާ މުޙައްމަދު ރިޔާޟްގެ ލޯބީގެ ގުޅުން ފެށުނީ، ކުޅެން އެރި "ޕަބްޖީ ގަނޑެއް"ގެ ތެރެއިންނެވެ.

އިޖިޕްޓުގެ މީޑީއާތަކަށް، އެންމެ ފުރަތަމަ ދެމީހުން ދިމާވިގޮތް ކިޔާދެމުން މުޙައްމަދު ރިޔާޟް ބުނީ، ރައްޓެހިންނާއިއެކު ކުޅެން ހުރި ޕަބްޖީގަނޑަކަށް ހަޝިޝް އެމީހުންނާއެކު ބައިވެރިވިކަމަށެވެ. އަދި ދެމީހުން ވާހަކަ ދައްކަން ފެށީ އެ މެޗްގެ ތެރެއިންނެވެ.
އޭގެ ފަހުން، ހަޝިޝް މަސައްކަތްކުރާ ފާމަސީގެ ތެރެއިން ނޭނގުމެއްގެ ތެރޭގައި ދެމީހުން ދިމާވެ، ދެމީހުންގެ "ޕަބްޖީ ގުޅުން" ރަހުމަތްތެރިކަމުގެ ގުޅުމަށް ބަދަހިވިއެވެ. އޭގެ ފަހުންވެސް ދެމީހުން ޕަބްޖީގެ ތެރެއިންނާއި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކާ ގުޅުން ބަދަހިކުރިއެވެ.
މާގިނަ ދުވަސްތަކެއްނުވެ މި ދެމީހުންގެ ރަހްމަތްތެރިކަމުގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލުވެ، މިހާރު ދެމީހުންވަނީ އެންގޭޖް ވެފައެވެ.
މި ދެބައިވެރިން އެންގޭޖް ވެފައިވާކަން، އެންގޭޖްވި ފޮޓޯއާއެކު މީސް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު، ގިނަ ބައެއްގެ ލޯތްބާއި ތަޢުރީފު މި ދެބައިވެރިންނަށް ދަނީ ލިބެމުންނެވެ.
ރިޔާޟް ދެކޭގޮތުގައި، ސޯޝަލް މީޑިއާ ނުވަތަ ވީޑިއޯ ގޭމެއް މެދުވެރިކޮށް މީހަކާ ބައްދަލުވުމަކީ މައްސަލައެއް ނޫނެވެ. އަދި އެމީހަކީ ތިމާއާ ގުޅޭ ކުއްޖެއްހެން އަމިއްލައަށް ހީވާނަމަ، އިސްނަގައިގެން ކުރިއަށް ދިއުމަކީ ރިޔާޟް އެދޭގޮތެވެ.
ދިވެހި ޒުވާނުންގެ ތެރޭގައި ޕަބްޖީ ރަސްކަން ކުރަމުންދާއިރު، ޕަބްޖީގެ ތެރެއިން އުފެދުނު ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެ ޒަވާޖީ ހަޔާތަކަށް މިސްރާބުޖަހާފައިވާ ކިތައް ދިވެހި ޒުވާނުން އުޅޭބާވައެވެ!