ކުރީގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ފެނިގެންގޮސްފައިވާ ދިވެހިރައްޔިތުންގެ ޕާޓީގެ ކޮންގްރެސް 90 ދުވަހުގެ ތެރޭގައި ބާއްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި މިހާރު އެޕާޓީގެ ލީޑަރ ޢަބްދުﷲ ޖާބިރު ވިދަޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް މާލޭގެ ބޮޑުތަކުރުފާނު މަގު 7 ނަންބަރު ފާލަން ސަރަހައްދުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ޖާބުރު ވިދާޅުވެފައިވަނީ މިހާރު އެޕާޓީއަށް ތިންހާސް މެންބަރުން ހަމަކޮށްފައިވާކަމަށެވެ.
2008 ވަނަ އަހަރު ރިޔާސީ އިންތިހާބުން ޑީއާރުޕީއަށް ނާކާމިޔާބީއާއި ކުރިމަތިވިއިރު، އެ ޕާޓީގެ ދަރަނީގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ކޯޓްގައި އޮތް އެޕާޓީގެ ދަރަނި ވަރަށް އަވަހަށް ޚަލާސްކުރައްވާނެ ކަމަށާއި އެޕާޓިގެ މެންބަރުންގެ ޢަދަދު ބޮޑުތަން އިތުރު ކުރާނެކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަސައްކަތްތެރިންނަށް ދޭ އުޖޫރައިގެ އެންމެ ކުޑަމިންވަރުކަމަށް މަދުވެގެން 10000 ރުފިޔާ ދިނުމަށް ލާޒިމްކުރާ ބިލެއް މަޖިލީހަށް ހުށައަޅާނެކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ފަރާތުން ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ބަލިވުމާއި ގުޅިގެން އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައިވާ ޖާބިރު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.




