ގްރޫޕް ކުށްތަކާއި ގުޅިގެން ވިލިމާލޭގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

ގްރޫޕް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ވިލިމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ކުށްމަދު އަމާންތަނަކަށް ވިލިމާލެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި، ކުށްތަކަށް މަގުފަހިވާ ގޮތަށް ގްރޫޕް ހަދައިގެން އެއްވެ އުޅޭ ތަންތަން ބަލައިފާސްކުރުމާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވިލިމާލޭގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފެށިއިރު، ވިލިމާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގައި އާންމު މަސްލަޙަތު ނަގާލައި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަޔަކު އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުގައި ރޭ 00:10 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނުންނާއި 21 އަހަރުގެ ދެ ފިިރިހެނުންގެ އިތުރުން 22 އަހަރުގެ ދެ ފިރިހެނުންނެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ. މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުން ފެށި މި އޮޕަރޭޝަންގައި ގްރޫޕް ހަދައިގެން އާއްމުކޮށް އެއްވާ ތަންތަން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާސްކުރުން ކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ