ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އައިއެސްޑީ ރަނިން ހޯދައިފިއެވެ.
އައިއެސްޑީ ރަނިން ޗެމްޕިއަންކަން ހޯދީ ރޭ އެފްއޭއެމް ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެސްއޯއާރުސީ ހާޓް ބީޓާ ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އައިއެސްޑީރަނިންގެ ފާތުމަތު އަޒުމާ އަޙްމަދުއެވެ.
އަންހެން ޑީވިޜަން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިއެސްޑީ ރަނިންގެ ފާތިމަތު ތީބާއެވެ. އަންހެން ޑިވިޜަންގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައިއެސްޑީ ރަނިންގެ ފާތިމަތު ތީބާގެ އިތުރުން އައިޝަތު ތިހާމާ އާއި ފާތިމަތު ރަވީނާ އާއި އެސްއޯއާރުސީ ހާޓް ބީޓްގެ އައިމިނަތު ލީޒާ އާއި ރިޝްމާ ޢަބްދުﷲ އަދި ޕޮލްކޯގެ ފާތިމަތު ޒާހިރާއެވެ.
އަންހެން ޑިވިޜަންގައި 6 ލަނޑު ޖަހައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމު އައިއެސްޑީ ރަނިންގެ ފާތިމަތު ތިބާ ހޯދިއިރު، މުބާރާތުގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާއަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ ތީބާއެވެ. އަދި އަންހެން ޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް އައިއެސްޑީ ރަނިންގެ ކޯޗު އަޙްމަދު ޝާން ހޯދިއިރު، އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެސްއޯއާރުސީ ހާޓް ބީޓްގެ މެނޭޖަރު ލީނާ ޙުސައިންއެވެ.
މި މުބާރާތުގެ އެންމެ ރީތި ޖާޒީއަކަށް އެސްއޯއާރުސީ ހާޓް ބީޓްގެ ޖާޒީ ހޮވުނުއިރު، މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޕޮލްކޯއެވެ. އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ބައްސަވާ ދެއްވީ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނެވެ.
ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ޖުމްލަ ތިން ޓީމަކުންނެވެ. ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ސްޕޮންސަރކޮށްފައިވަނީ ނެސްޓްލްގެ މައިލޯ އާއި ދިރާގުއެވެ.