ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ފުލުހުން ނޫސްވެރިންނަށް: އަދީބު މައްސަލައިގައި އިތުރު މަޢުލޫމާތު ހާމަކުރާނީ ފުލުހުންނަށް ފެނިއްޖެނަމަ!

ޓަގް ބޯޓެއްގައި ފިލައިގެން ރާއްޖެ ދޫކޮށް އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލައިގައި ފުލުހުންގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ނޫސްވެރިން އިތުރަށް ސުވާލު ނުކުރުމަށް އެދިއްޖެއެވެ.

ފުލުހުން މިފަދައިން އެދިފައިވަނީ "ސަންގު ޓީވީ"ގެ ނޫސްވެރިޔަކު ފުލުހުންގެ ވަޓްސްއަޕް މީޑީއާ ގްރޫޕްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަދީބު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓްތައް ލިބޭތީވެ އެއީ ތެދެއްތޯ" ސަންގު ޓީވީގެ ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ހާމަކުރަން ބޭނުންވާ މަޢުލޫމާތު ނޫސްބަޔާނަކުން ހާމަކޮށްފައިވާ ކަމަށެވެ.

"ހ.ސާމަރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިލައިގެން ގޮސްފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިވަގުތައް ހާމަކުރާ މަޢުލޫމާތު ޕްރެސް ރިލީސް ނަންބަރު PMC/2019/11 މެދުވެރިކޮށް ވަނީ ހާމަކޮށްފައި." ފުލުހުން ވިދާޅުވިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފުލުހުން ވިދާޅުވީ، އިތުރު މަޢުލޫމާތު ހާމަކުރަން ފެނިއްޖެ ހިނދެއްގައި އިސްވެ މަޢުލޫމާތު ހާމަކުރާނީ ފުލުހުން ކަމަށެވެ.

"އިތުރު މަޢުލޫމާތު ހާމަކުރަން ފުލުހުންނަށް ފެނިއްޖެނަމަ، ފުލުހުން އިސްވެ އެ މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވި ނަމަވެސް، އަދީބު ފިލާފައިވާ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަވެސް ބަސް ވިދާޅުވީ، ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެންނެވެ. އަދި މަސްތުވާތަކެއްޗާއި ބައެއް އެހެނިހެން މައްސަލަތއް ފިޔަވައި މުޖުތަމައު ޖަވާބު ބޭނުންވާ ގިނަ މައްސަލަތަކުގައި ފުލުހުން މަޢުލޫމާތު ހާމަކުރަނީ ނޫސްވެރިން ސުވާލުކުރުމުންނެވެ.

އަދީބު އިންޑިއާއަށް އެރިޔަ ނުދީ ޑީޕޯޓްކޮށްލައި، އަދީބު އިންޑިއާއަށް ދިޔަ ޓަގް ބޯޓުގައި ދިވެހިރާއްޖޭގެ އޮފިޝަލުންނާއެކު ރާއްޖެއަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނަމުންދާއިރުވެސް ދިވެހި ސަރުކާރުން އަދި ފުލުހުންވެސް އެއްވެސް ބަސްފުޅެއް ވިދާޅެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް