ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު 10:30 ގައި އޮނާނެއެވެ.
މާދަމާ އޮންނަ އަޑުއެހުމުގައި ކުރިޔަށްދާނީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ވަނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމަށް އަށް ފަރާތެއްގެ ނަން ހުށައަޅާފައެވެ. އޭގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދުއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުއާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާއި، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒްއާއި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން، މުހައްމަދު ވަސީމް އިސްމާއިލް (އެންސިސް ވަސީމް) ހިމެނެއެވެ.
މީގެ ކުރިން ކުރިޔަށް ދިޔަ ޝަރީއަތެކޭ އެއްފަދައިން މާދަމާވެސް ޔާމީންގެ ޝަރީއަތް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މާދާމާ އޮންނަ ޔާމީން ޝަރީއަތަށް އެމަނިކުފާނުގެ ސަޕޯޓަރުން ޝަރީއަތް ކުރިޔަށް ދާގަޑީގައި ކުރިމިނަލް ކޯޓް ކައިރިއަށް އެއްވުމަށް ޕީޕީއެމުން އިސްވެހުރި މާލޭގައި ބޭއްވި ރެލީގައި ވަނީ ގޮވާލައިފައެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ ހ ހުށައެޅުމެއް ހުށައަޅާފައެވެ. ނަމަވެސް އެއިސް އެއްވެސް ހުށައެޅުމެއް ބަލައިނުގަނެ ޝަރީއަތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.