އދ.ފެންފުށީ ކައުންސިލްގެ އިދާރާ ތެރޭގައި މާރާމާރީ ހިންގިކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް އެކައުންސިލްގެ ރައީސް ޝާހިދު ޢަބްދުއްރަހީމް ދޮގުކޮށްފިއެވެ.
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީއާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ފެންފުށީ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެމްބަރު މުހައްމަދު އިބްރާހީމް އަދި ޒިންމާދާރު ވެރިޔާ، އާއްމުންގެ ބަޔަކާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، ކައުންސިލްގެ މެންބަރު މުޙައްމަދު އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ނަމަވެސް، ފެންފުށީ ކައުންސިލްގެ ރައީސް ވަނީ އެކަން ދޮގުކޮށްފައެވެ.
ފެންފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ނައިބު ރައީސް ވަޑައިގެން ވީޑިއޯކޮށް ހެއްދެވި ކަމަށާއި، ބައްދަލުވުމަށްފަހުގައި ހިތްހަމަ ނުޖެހުންތަކަކާ ގުޅިގެން ކައުންސިލްގެ އިދާރާ ތެރޭގައި ކައުންސިލްގެ ނައިބު ރައީސް ކައުންސިލްގެ ދެން ތިއްބެވި ދެބޭފުޅުންނާ ޒުވާބުކޮށް ހެއްދެވި ކަމަށެވެ.
ނަމަވެސް، އެއްވެސް ބޭފުޅަކު އެކަކު އަނެކަކުގެ ގަޔަށް އަތްލައި، މާރާމީ ހިންގި މަންޒަރު ފެނިވަޑައި ނުގަންނަވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް، ކައުންސިލްގެ އިދާރާގައި ނެންގެވި ވީޑިއޯއެއް ޑިލީޓު ނުކޮށްގެން އެ ކައުންސިލްގެ މެމްބަރަކު އޭނާއަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނެފައިވާއިރު، އެމައްސަލައިގައި ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފެންފުށި ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްގެ ނައިބު ރައީސް ކައުންސިލްގެ ދެންތިބި މެންބަރުން ދެކެ ހިތްހަމަ ނުޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، ނަމަވެސް އެކަންކަމުގެ ތަފްސީލަށް ވަޑައިގަންނަވަން މިވަގުތު ބޭނުންފުޅު ނުވާކަމަށެވެ.