ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ދެވަނަ އަޑުއެހުން މިއަދު ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ތާރީޚް ބަދަލުކޮށްލައި ޤައުމީ ޓީވީ އިން ލައިވްކޮށް ކުރިއަށް ގެންދާ މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހުސްވި ޖުލައި މަހުގެ 21 ވަނަ ދުވަހު ލައިވްކޮށްފައިވާއިރު، މިއަދުގެ އަޑުއެހުންވެސް ޓީވީ އިން ލައިވްކުރާނެއެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ފަސް ހުށަހެޅުމެއް ހުށަހެޅި ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ އެ ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމަވާފައެވެ.
އެ ދުވަހުގެ އަޑުއެހުމުގައި، ދައުލަތުން ކުރިން ހުށައަޅާފައިވާ ހެކިންގެ އިތުރުން، އިތުރު ދެ ފަރާތެއް ހެކިންގެ ގޮތުގައި ހުށައެޅުމުން އެކަމާމެދު ދައުވާލިބޭ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ދެފަރާތުގެ ހެކިބަސް ނުނެގުމަށް ގާޒީ ނިންމެވިއެވެ.
އެދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލެއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހުގައެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ވަނީ މިހާރު ކޯޓަށް ލިޔުމުން ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ފައިސާ ވަދެފައިވާ އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލައިގައެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދިޔައިރު ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
މިމައްސަލަތައް ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހު ބާއްވާފައިވެއެވެ.