ސްޓިކާޖަހާ މައްސަލާގައި ޖާބިރު، ނަހުލާއާއި ސުވާލުކުރެއްވުން ބުދަ ދުވަހު

މާލޭގައި ދުއްވާ އުޅަނދުފަހަރުގައި ޕާކިންގ ސްޓިކާ ޖަހާ މައްސަލާގައި ނަހުލާއާއި ސުވާލުކުރެއްވުން ބުދަ ދުވަހުގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.

މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލައިގައި ނަހުލާއާ ސުވާލުކުރުމަށް ހުށަހެޅީ، ކާށިދޫ ދާއިރާ މެމަބަރު އަބްދުﷲ ޖާބިރެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެންބަރަކު މިނިސްޓަރަކާ ސުވާލުކުރުމަށް ހުށަހެޅުމުން އެ މިނިސްޓަރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެއެވެ. ޖާބިރު ނަހުލާއާއި ސުވާލުކުރެއްވުމަށް ހުށައަޅުއްވާފައި ވަނީ ޖުލައި 02 ވަނަ ދުވަހުއެވެ. ޖާބިރު ހުށައެޅިތާ މިހާރު ވަނީ 14 ދުވަސް ހަމަވެފައެވެ.

ޕާކް ކުރުމުގެ މައްސަލައަކީ މާލޭގައި ބޮޑުވެފައިވާ މައްސަލައަކަށް ވެފައި ވާއިރު، ޕާކު ކުރާނެ ތަނެއް ނުދައްކައި އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

2019 ޖެނުއަރީ 16 އިން ފެށިގެން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލިއެވެ. ނަމަވެސް ފަހުން ވަނީ ސްޓިކާ ޖަހަން ފަށާފައެވެ. އެގޮތުން އޭޕްރީލް މަހު ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހަފްތާއެއްގެ ތެރޭގައި ސްޓިކާ ޖަގައިގެން ބައިމިލިއަނެއްހާ ރުފިޔާ ވަނީ ހޯދާފައެވެ.

މީގެ އިތުރުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގައި ސިއްހަތާ ބެހޭ ވަޒީރު، އަމީން އަބްދުﷲ އާއި ސުވާލުކުރެއްވުންވެސް އޮންނާނެއެވެ.

އަމީންއާ ސުވާލުކުރުމަށް މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާ މެމްބަރު، އާދަމް ޝަރީފު އުމަރެވެ.

އާދަމް ޝަރީފް ސުވާލުކުރެއްވުމަށް ޖަމަޖެހިފައިވަނީ އެ ދާއިރާގެ ރ. މަޑުއްވަރީއާއި، ރ. މީދޫ ސިއްހީ މަރުކަޒާ ގުޅޭ ގޮތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް