ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރ، ލުޠުފީއަށް ބިރުދެއްކީ ސިޔާސީ ވާދަވެރިން ނައްތާލަން

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠްފީއަށް އިންޒާރު ދިނުމާގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީޢަތުގެ މުހިއްމު ހެއްކެއް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ޙަސަން ލުޠުފީ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތުތަކުން ހާމަވުމާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިޢަމަލު މިކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް، ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށާއި، ހޯމް މިނިސްޓަރގެ މިޢަމަލަކީ ސަރުކާރުގެ ވިސްނުން މިޝަރީޢަތާމެދު އޮތްގޮތް ވަރަށް ބޮޑަށް ސާފުވާ ކަމެއްކަމުގައި މި ބަޔާނުގައި ވަނީ ވިދަޅުވެފައެވެ.

މި ބަޔާނުގައި، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ސިޔާސީ ދަޢުވާއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ހޯމް މިނިސްޓަރ ގުޅިގެން، ޤާނޫނާ ޚިލާފަށް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ޙުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ދަޢުވާއެއްކަން ފާހަގަކުރައްވާފައި ވެއެވެ. ހަމައެއާއިއެކު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިޢަމަލަކީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ ޢަަމަލެއްކަމާއި، ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ޙުކުމެއް ކުރުމަށްޓަކައި ކެތްމަދުވެފައިވާކަން ސާފުވާ ދަލީލެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންސާފުވެރިކަން ހޯދައިދިނުމަށް ވަކާލާތުކޮށް ވެރިކަމަށް އައިސް ނާއިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މި ޢަމަލަކީ ހުރިހާގޮތަކުންވެސް ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު ފިނޑި ޢަަމަލެއްކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވިދަޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް