ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ބޮޑެތި ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން، ކައުންސިލާއި ރައްޔިތުންގެ ފަރާތުންހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
ފެންފުށީގެ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދިއުމާއި ގެސްޓްހައުސް ވިޔަފާރިއަށް ކައުންސިލުން ކަނޑައަޅާފައިވާ ބިން ހަމަނުޖެހި އޮތުމާއި، ފެނުގެ މަޝްރޫޢާއި ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އަދި ސްކޫލާއި ހެލްތު ސެންޓަރުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުންވެސް ފެންފުށީގެ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ބައެއް މަސައްކަތްތަކާގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއާ ގުޅިފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަމަށް އަވަސް ޙައްލެއް ގެނަސްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
އަދި ބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަކިރަށެއް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލަރުންނަށް އެރުވިއެވެ.
ހިޔާލު
Council members in kihaa ekuveri nujahaa karuga hifi vahthareh karuga hifi nama ehaa ekuveri eh nuvaane dw?
ކޮމެންޓް ކުރުން ބަންދު