ކޯޗު އުނައިއާ މައްސަލަޖެހި އާސެނަލްގެ ފުރަތަމަ 11 އިން ޖާގަ ނުލިބޭއިރުވެސް އާސެނަލް ދުކޮށްލަން އޮޒިލް ދެކޮޅުހަދައިފިއެވެ.
"ބޮކްސިންގ ޑޭ" އަށްފަހު އާސެނަލްއަށް ކުޅުމުގެ ފުރުޞަތު އޮޒިލްއަށް މިހާތަނަށް ލިބުނީ ޖުމްލަ 2 މެޗުގައެވެ. އެންމެ ފަހުން ޔޫރޮޕާލީގުގައި އާސެނަލް ބާޓޭއާ ދެކޮޅަށް ކުޅުނު މެޗަށްދިޔަ ޓީމުގައިވެސް އޮޒިލް ނުހިމެނެއެވެ. އެމެޗުން އާސެނަލްދަށްވީ 0-1ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ލަކަޒެޓަށް އެމެޗުގައި ރަތްކާޑެއްވެސްވަނީ ދައްކާފައެވެ.
މިދިޔަ ފެބްރުއަރީ މަހު އާސެނަލްއާއިއެކު އާ ކޮންޓްރެކްޓެއް އޮޒިލް ހަދާފައިވާއިރު އޮޒިލްގެ މުސާރަ ހަފްތާއަކު 350،000 ޕައުންޑަށްއަރައެވެ. އާސެނަލްގެ ކޯޗު އުނައިގެ ވިސްނުންހުރީ އޮޒިލް ވިއްކާލުމަށްފަހު ޓީމުގެ އެހެން އޭރިއާތަށް ވަރުގަދަ ކުރާށެވެ.
މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީއިން އޮޒިލްއަށް ޝައުޤުވެރިކަށް ފާޅުކުރިނަމަވެސް އޭގެ އެއްއަހަރު ކުރިން އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކް ހަމަކުރަމަށް އޭރު އޮޒިލް އާސެނަލްގައި މަޑުކުރިއެވެ. އަދި ޖެހިގެންއައިމަހު އާސެނަލްއާއިއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރިއެވެ.
އާސެނަލް ދޫކޮށްލަން އޮޒިލް ބޭނުންނުވާއިރު ޗައިނާއިން އޭނާއަށް ހުށައަޅާ ހުށައެޅުންތަކަށްވެސް އޮޒިލް ނޫނެކޭ ބުނެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ. 30 އަހަރުގެ އޮޒިލް މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމްއަށްކުރި ޕޯސްޓެއްގައި ތިމާ ކްލަބަކަށް ސަޕޯރޓްކުރަނީ އެޓީމެއް ހޯދައިފައިވާ ތަށިތަކުގެ ސަބަބުން ނޫންކަމަށާއި ނުވަތަ އެޓީމަށްކުޅޭ ކުޅުންތެރިއެއްގެ ސަބަބުން ނޫންކަމަށާއި ނުވަތަ އެޓީމުގެ ހިސްޓަރީގެ ސަބަބުން ނޫންކަމަށާއި ނަމަވެސް އެޓީމުގެ ސަބަބުން ތިމާ އެޓީމަކަށް ނިސްބަތްވާކަން އިޙުސާސްކުރެވޭތީކަމަށް ބުނެފައިވެއެވެ.
އާސެނަލް ސަޕޯރޓަރުންގެ ފުރިހަމަ ސަޕޯރޓް އޮޒިލްއަށް އޮތްއިރު އުނައިގެ ފުރަތަމަ 11 އައިން ފުރުޞަތު އޮޒިލްއަށް ލިބެންޖެހޭނެކަމަށް އާސެނަލްގެ ގިނަ ސަޕޯރޓަރުން ޤަބޫލުކުރެއެވެ.