އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

އަދީބު ގޮވައިގެން ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖެ އަތުވެއްޖެ

ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަތުލައިގަތް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރާއްޖެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި އަދީބު ރާއްޖެ ގެނެސްފައިވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގައެވެ.

އުޅަނދުތައް ޓުރެކްކުރާ ވެބްސައިޓުތަކުން ދައްކާގޮތުން، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީ މަނަވަރު އިއްޔެ އޮތީ އަދީބު ހިފެހެއްޓި ޓުޓިކޮރިން ކައިރީގައި ނަމަވެސް މިހާރު މަނަވަރު އޮތީ މާލެ އަތޮޅު ތުލުސްދޫ ކައިރީގައި ކަމަށް ދައްކައެވެ. 

ނަމަވެސް އަދީބު މާލެ ގެންނަނީ ހުރަވީގައިކަން ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ. އެމްއެންޑީއެފް އަދި ފުލުހުންގެ މީޑިއާ އޮފިޝަލުންވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.

އުޅަނދުތައް ޓުރެކްކުރާ ވެބްސައިޓުތަކުން ދައްކާގޮތުން، އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީ މަނަވަރު މިވަގުތު ދަތުރުކުރަމުންދަނީ ގާތްގަނޑަކަށް ގަޑިއަކު 20 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

އިންޑިއާގެ ނޫހަކުން ބުނާގޮތުގައި، އަދީބު ރާއްޖެއާ ހަވާލުކުރީ އޭނާ ހުންނެވި ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައެވެ. އަދި އަދީބު ރާއްޖެ ގެނެސް ގެންދަނީ މާލެ ކަމެއް ނުވަތަ ދޫނިދޫއަށް ކަމެއްވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.

އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ރާއްޖޭގައި އަދީބަށް ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުން އެމަނިކުފާނަށް ހިމާޔަތް ނުދީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިތާ 24 ގަޑިއިރު ވެފައިވާ ކަމަށާއި، 24 ގަޑިއިރު ވީއިރު ކޯޓަކަށް ހާޒިރު ނުކުރެވޭނަމަ އަދީބު މިނިވަން ކުރުމަށް އެމްޓީޑީ އިން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް