މާލޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މައްސަލައިގައި އިއްޔެ ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް، ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، އެމީހާ ރަހީނުކޮށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެމީހާއަށް އަނިޔާކުރި މައްސަލައިގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނަކާއި، 22 އަހަރުގެ ޒުވާން ދެ ފިރިހެނުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ކޮން ތަނަކު ކަމެއް އަދި އެމީހާ ރަހީނުކޮށްފައިވަނީ ކޮން ބޭނުމަކުކަން އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.