ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މާޅެންދޫ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ، ފޮޓޯ އާއްމުކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. މާޅެންދޫ، މާވިނަ، ސަފްރާޒް އިބްރާހީމް (32އ) ކަމަށެވެ.
"ސަފްރާޒް އިބްރާހީމް ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ޚަރަދަށް ފައިސާ ނުދެއްކުމުގެ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 އޯގަސްޓް 25 ވަނަ ދުވަހު 10:30 އަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
ސަފްރާޒް އިބްރާހީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.