ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޖޭޕީ

ޖޭޕީއަށް މަޖިލީހުގެ އަޤްލަބިއްޔަތު ލިބޭކަށް ނޭދެން – ޤާސިމް

ޖުމްހޫރީ ޕާޓީއަށް އެކަނި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެންނޭދޭކަމަށް އެ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ތިންވަނަ ދައުރަކަށް ވާދަކުރައްވާ ގާސިމް އިބްރާޙީމް، އޭނާގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށް ރޭ އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ އެދިލައްވަނީ ކޯލިޝަނަށް މެޖޯރިޓީ ލިބެން ކަމަށެވެ.

"އަޅުގަނޑު ނޭދެން އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް އެކަނި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެންދާ ގޮތަކަށް، ތިބޭފުޅުން ހޮއްވަވައި ދެއްވުމަކަށް، އެހެންނަމަވެސް އަޅުގަނޑުމެން އެދެން އަޅުގަނޑުމެންގެ ކޯލިޝަނަށް މެޖޯރިޓީ ލިބިގެން ދިއުން ރައްޔިތުންގެ މަޖިލީހުގެ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، އެއްވެސް ފަރާތަކަށް ދުއްތުރާކުރަން ނޫންކަމަށާއި، ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކޮށްދީ، ރައްޔިތުންނަށް އިތުރު ރޯޝަނީކަމެއް ހޯދަދީ، އިޖުތިމާއީ ކަންތައްތައް ކުރިއަށް ގެންގޮސް ދިނުމުގައި ސަރުކާރުން ރައްޔިތުންގެ މަންފާއާއި ފައިދާއައްޓަކައި ކުރާކަންތައްތަކުގައި އެހީތެރިވެދިނުމަށް ކަމަށެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ކޯލިޝަން ތެރޭ މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި ސަރުކާރުގެ ކޯލިޝަން ތެރޭގައި ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެއް ދާއިރާ އަކަށް ކޯލިޝަންގެ ތިން ޕާޓީ އިންވެސް ވާދަކުރައްވާ ކެމްޕެއިން ކުރައްވާތަން ފެނިގެންދެއެވެ.

ސަރުކާރު ޒިންމާދާރު ކުރުމަށް ތިބޭ ބަޔަކީ އިދިކޮޅު ޕާޓީތައް ކަމަށާއި އެއީ އެމީހަކު އަމިއްލައަށް ކުށްކޮށް، އަމިއްލައަށް ގާނޫނެއް ހަދައި، އެ ގާނޫނެއްގެ ދަށުން ނިޔާ ކަނޑައަޅައި އެކަން އަމިއްލަ ނަފްސަށް ތަންފީޒު ކުރުމަކީ ވާނެ ކަމަކަށް ނުވާތީ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އިދިކޮޅު "ޕްރޮގްރެެސިވް ކޮންގްރެސް" ކޯލިޝަނުން ޖުމްހޫރީ ޕާޓީއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު މަޖިލިސް އިންތިހާބުގައި އެ ޕާޓިން ޓިކެޓްދިން ބައެއް ދާއިރާތަކުގެ ޓިކެޓް އަތުލައި އެ ދާއިރާތަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފައިވާއިރު، ޖުމްހޫރީ ޕާޓީން ބައެއް ދާއިރާތަކަށް "ޕްރޮގްރެސިވް ކޮންގްރެސް"ގެ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނިންމަވައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ