މައިލޯ ކޭހެއް ވަގަށް ނަގައިގެން ދަނިކޮށް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން އެމީހާ އަތުލައިގަނެފައިވަނީ މައިލޯ ކޭސް ވަގަށް ނަގައިގެން ސައިކަލެއްގައި ދަނިކޮށް މަގުމަތިންނެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 06:55 ހާއިރު ކަނޑިދޮންމަނިކު ހިނގުމުން މަސްމާރުކޭޓް ކައިރިން ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، ވަގަށް ނަގައިގެން ގެންދާ މައިލޯ ކޭހެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހަކު ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ އާއި މައިލޯ ކޭސް ގެނެސް ބެލި ބެލުމުން އެއީ ވަގަށް ނަގާފައިވާ މައިލޯ ކޭހެއް ކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.