ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ މަޝްހޫރު ސީރީޒް "13 ރީޒަންސް ވައި" ގެ 3 ވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފިއެވެ.
އޮގަސްޓް 23 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްއަކީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ ސީރީޒްއަކަށްވާއިރު، މި ސީރީޒް ގެ އަދި އިތުރު 1 ސީޒަންއާއެކު ސީރީޒް ނިއްމާލާނެކަންވެސް ނެޓްފިލްކްސް އިން ވަނީ ހާމަކޮށްފިއެވެ.
"13 ރީޒަންސް ވައި" ގެ ތިން ވަނަ ސީޒަން ފެށެން 2 ހަފްތާއަށްވެފައިވާއިރު، މި ސީރީޒްއަކީ، ބުލީ ކުރުމާއި، ޖިންސީ ޝިކާރައަކަށްވުމުގެ ވާހަކަތައް ކިޔައިދޭ ސީރީޒްއެކެވެ.
ސީރީޒްގެ ފުރަތަމަ ސީޒަން ފެށިގެންއަންނަނީ، ވާހަކައިގެ މައިގަނޑު ކެރެކްޓާ "ހެނާ ބޭކާ" އަމިއްލަ މަރުވާ ހިސާބުންނެވެ. ސީރީޒްގެ ފުރަތަމަ އަދި ދެވަނަ ސީޒަންގައި ހިނގާ ހުރިހާ ހާދިސާތަކެއް ގުޅިފައިވަނީ މިކަމަށެވެ.
މި ސީރީޒްއިން އަމިއްލައަށް މަރުވުމަށް ހިތްވަރުދޭކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، މި މައްސަލައާއި ގުޅިގެން ނެތްފިލްކްސް އިން ވަނީ ސީރީޒްގެ މިފަދަ މަންޒަރުތައް ކަނޑާފައެވެ.
ސީރީޒްގެ ވާހަކައިގެ މޮޅުކަމުން މި ސީރީޒް ގިނަ ބަޔެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާއިރު، މި ފަހަރުގެ ސީޒަންގައިވެސް ޝައުގުވެރި ވާހަކައެއް ގެނެސްދޭނެކަން ޓްރެއިލާއިން ފެނިގެންދެއެވެ،
ޓްރެއިލާއިން ފެނިގެންދަނީ، "ހޭނާ ބޭކާ" އަށް ޖިންސީ ގޯނާ ކުރި އަދި ސީރީޒްގައި އެންމެ ގިނަބަޔަކު ރުޅި އަންނަ ކެރެކްޓާ "ބްރައިސް ވޯކާ" މަރުވެފައިވަނިކޮށެވެ.