ކެސިނޯއަކަށް ވަދެ ކެސިނޯ ކުޅެން އެނގިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ޜާއްޖެއަކީ ދުނިޔޭގައި ވަކިން އޮންނަ ޤައުމެއް ނޫންކަމަށާއި، މިރާއްޖެވެސް ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަންތިއެއްގައި، އެއްގިންތިއެއްގައި އޮޕަރޭޓްކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑު މީ ކެސިނޯ ކުޅޭ މީހެއްނޫން ރައީސް. ކެސިނޯ އަކަށްވަދެ ކުޅެން އަޅުގަނޑަށް ނުވެސް އެނގޭނެ ރައީސް. ހަމަތެދެއް މިދެންނެވީ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އަބަދުވެސް ދައްކަނީ ފައިސާ ޚަރަދުކުރާ ވާހަކަ ކަމަށާއި، ފައިސާއެއް މާލިއްޔަތައް ވަންނާނެ ކަމެއްގެ ވާހަކަ ނުދައްކަވާ ކަމަށެވެ.
"ޚަރަދުކުރާ ވާހަކަ އަޅުގަނޑުމެން ދައްކަނީ، ލާރިއެއް ލިބޭނެ ވާހަކައެއް (ނުދައްކަނީ). .... ޓޫރިޒަމް އެހެން ގިންތިއަކަށް ނުގެންދެވޭނެ ކަމަށް އަޅުގަނދަށް ވިސްނެންޏާ އަޅުގަނޑު އެހެން ބުނެދާނެ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ކެސިނޯ އަޅައިގެން ޑޮލަރު ލިބޭނެ މަގެއް އޮތްނަމަ އެކަން ކުރަން ފެންނަ ކަމަށެވެ.
"އަޅުގަނޑު ދުވަހަކުވެސް ކެސިނޯއެއް ނުއެއް ކުޅެން، އެކަމަކު ކެސިނޯ ވިޔަފާރި ކޮށްގެން ޑޮލަރު ލިބޭނެ މަގެއް އޮތިއްޔާ އެކަން ކުރަން އަޅުގަނދަށް ވަރަށް ވިސްނޭހަމަ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އުފަންކުރަންޖެހޭ ޤާނޫނުތަކާއި، ހަދަންޖެހޭ މުއާހަދާތަކާ އެއްޗެހި ހަދަންޖެހޭނީ ދިވެހިރާއްޖެއަށް ފައިދާ ވާގޮތަށް އިންވެސްޓްމެންޓްތައް ގެންނަން ކަމަށާއި، މުއާހަދާތަކުންވެސް އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރަންޖެހޭ ކަމަށެވެ.