ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދާދިމާކޮށް އަތޮޅުތަކުގެ ރަށްރަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.
ފުލުހުން ވިދާޅުވީ، މީރު ބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މެރީ ބްރައުން ކުރިމަތީ ބަނދަރުން ފުރާ ފެރީތަކާއި ޓީޖެޓީ ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯއާއި އުޅަނދުތަކަށް މީހުން އަރުވަނީ ކަނޑައެޅިފައިވާ މިންވަރަށްތޯ ބަލައި ބަރުމަރުކާގެ މިންގަނޑާ އެއްގޮތަށް މުދާ އަރުވާތޯ ބަލައި ޗެކްކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ކަނޑު އުޅަނދުތަކުގެ ކެޕްޓަނުން އަތުގައި ލައިސަންސް އޮވޭތޯ ބަލައި ސަލާމަތީ ވަޞީލަތްތަކުގެ ޚާލަތު ބަލަމުންދާނެކަމަށެވެ.