އަންނަ ހުކުރު ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހާރު މޯލްޑިވިއަންއިން ވަނީ ކުޅުދުއްފުށީ އެއާޕޯޓު ދަތުރުތަކަށް ނަން ނޯޓް ކުރަން ފަށާފައެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން، ކޮމާޝިއަލް ފްލައިޓް އޮޕަރޭޝަންތައް ކުޅުދުއްފުށި އެއާޕޯޓަށް 9 އޮގަސްޓް ވާ ހުކުރު ވަނަ ދުވަހު ފަށާނެކަން މިއަދު ވަނީ އަންގާފައެވެ. އަދި މޯލްޑީވިއައިން ޓިކެޓް ދޫކުރުމަށް ނަންނޯޓު ކުރަން ފަށާނެކަންވެސް ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަންއިން މައުލޫމާތު ދޭ ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ދުވާލަކު އެއް ފްލައިޓަށްވުރެ ގިނައިން ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ފްލައިޓްތައް އޮންނާނެ އެވެ.
ކުރިއަށް އޮތް ބޮޑު އީދަށް ހާއްސަކޮށްގެން ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ނިމި ހުޅުވާފައިވާއިރު، ދަތުރުތައް ނުފެށި އޮތީ ޓާމިނަލްގެ މަސައްކަތް ނުނިމޭތީ އެވެ. ނަމަވެސް މިހާރު ޓާމިނަލްވެސް ނިއްމާ ދަތުރުތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
Commercial flight operations to Kulhudhuffushi Airport (HDK) will commence on 9th August 2019. @MaldivianAero will begin ticket sales today.
— Ministry of Transport and Civil Aviation (@MoTCAmv) August 6, 2019
ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.