އަންނަ ނޮވެމްބަރުމަހު 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ-ކޮޗިން ފްލައިޓް ފެށުމަށްޓަކާ މިއަދު ހަވީރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ ނޮވެމްބަރުމަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ.
ޑެއިލީ ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން މޯލްޑިވިއަނުން ފުރަތަމަ މަސައްކަތްކޮށްފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ. އަދި ތަފާތު ބޭނުންތަކަށް އެރަށަށް ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހުވެސް ޒިޔާރަތްކުރެއެވެ. ވުމާއެކު ފްލައިޓްތަކަށް އޮންނަ ޑިމާންޑްވެސް ވަރަށް ބޮޑެވެ.
މޯލްޑިވިއަންއިން ކުޅުދުއްފުއްޓަށް މިހާރުވެސް ދަތުރުކުރެއެވެ. އެހެންނަމަވެސް އެއީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ.
ކުޅުދުއްފުށީ ޓިކެޓްގެ އަގުތައް 805ރ، 954ރ އަދި 1113ރ ގައި އުޅޭއިރު، ފްލައިޓް ދަތުރުތައް އޮންނަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނުއެވެ.




