އިންގްލޭންޑްގެ އާސެނަލްއިން ބާސެލޯނާއަށް މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލިޕެ ކުޓީނިއޯ ހޯދުމުގެ މަސައްކަތް ފަށައިއެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން އާސެނަލްއިން ކުޓީނިއޯއަށް ލޯނެއްގެ ދަށުން ހުށަހަޅާފައިވަނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީމަހު 142 މިލިއަން ޕައުންޑްގެ ބޮޑު ޚަރަދެއްކޮށް ބާސެލޯނާއިން ކުޓީނިއޯ އެކްލަބަށް ގެންދިޔަފަހުން ކުޓީނިއޯއަށް އެކްލަބުގައި ރަނގަޅުކުޅުމެއް ދެއްކިފައިނުވާއިރު، އޭނާ ވިއްކާލަން ބާސެލޯނާއިން މަސައްކަތްކުރާކަމުގެ އަޑުތައްވަނީ އެތައް ފަހަރަކު މީޑިއާތަކަށް އަރާފައެވެ.
މިމަހު ފުޓްބޯޅަ ސީޒަން އެނބުރިއަންނައިރު މިފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވަރުގަދަ ކުރުމަށް ބާސެލޯނާއިންވަނީ ފްރާންސްގެ އެންޓޮއިން ގްރިޒްމަންވެސް ދާދިފަހަކުން ގެނެސްފައެވެ. މީގެއިތުރުން ނޭމާ ގެނައުމުގެ މަސައްކަތް މިހާރުވެސް އެކްލަބުން ކުރަމުންދާއިރު، މިޓްރާންސްފާ މާކެޓްގައި ބާސެލޯނާއިން ކުޓީނިއޯ ދޫކޮށްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް ބާސެލޯނާއިން ކުޓީނިއޯ ވިއްކަން ބޭނުންނުވާކަމަށް ބުނެފައިވާކަމަށް ކުޓީނިއޯގެ އެޖެންޓް ކިއާ ޖޫރަބްޗިއަން ބުނެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ކިއާ ޖޫރަބްޗިއަން ބުނިގޮތުގައި ކޮންމެ ގޮތަކަށް ކަންތަން ދިޔަނަމަވެސް މިހޫނު މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ ނުވިއްކާނެކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އޭނާގާތު ބުނެފައިވެއެވެ.
ކުޓީނިއޯ ހޯދުމުގެ ރޭޙުގައި އާސެނަލްގެ އިތުރުން ޔުނައިޓެޑާއި، ލިވަޕޫލް އަދި ޓޮޓޭންހާމްވެސް އަންނަނީ ވާދަކުރަމުންކަމަށްވެސް ރިޕޯޓްތައްބުނެއެވެ.