ކެނެރީމަގުން ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ވިދާޅުވީ ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި މި ފުލުސް މީހާއަށް ހަމަލާދީފައިވަނީ، އާދިއްތަ ދުވަހު 14:00 ހާއިރު ކެނެރީ މަގުން ވަންވޭ އިދިކޮޅަށް ސައިކަލެއްގައިދިޔަ ބަޔަކު ހުއްޓުވަން މި ފުލުސް މީހާ މަސައްކަތް ކުރުމުން އެސައިކަލުގައި ތިބި ދެމީހުން ކަމަށެވެ.
މިހާދިސާއާއި ގުޅިގެން މިހާތަނަށް ފުލުހުންވަނީ ދެމީހަކު ހައްޔަރު ކޮށްފައެވެ.
މި ދެމީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. މިމީހާގެ އުމުރަކީ 32 އަހަރެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދެވެ. މިމީހާގެ އުމުރަކީ 36 އަހަރެވެ. މި ދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މުޒާހަރާތަކާއި ގުޅިގެން ނޫން ގޮތްގޮތަށް ފުލުހުންނަށް ހަމަލާދިނުމަކީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫނެވެ. ނަމަވެސް މިފަދަ ބައެއް ހާދިސާތަކުގައި ފުލުހުންގެ ފުރާނައަށް ނުރައްކާ ވެފައި އެބަހުއްޓެވެ.