އަންނަ އެޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާނެކަން އިއުލާންކޮށް ކެންޑިޑޭޓުންނަށް ޓިކެޓް ދީފައިވަނިކޮށް، އޭގެ ތެރެއިން ބައެއް ދާއިރާތަކަށް ވާދަ ނުކުރަން ނިންމީ މަޖިލީހުގެ އަޤްލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ލިބުނަ ނުދިނުމަށް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މާވަށު ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޚައްމަދު ސަޢީދަށް ތާއީދު ހޯއްދެވުމަށް، މާވަށުގެ ބަޔަކަށް ކުރި ކޮންފަރެންސް ކޯލެއްގައި ޔާމީން ވިދާޅުވީ، ޖޭޕީ އާއި ޕީޕީއެމް އަދި މައުމޫންގެ ކެންޑިޑޭޓުން އެއް ދާއިރާއަކަށް ވާދަކުރުމުން އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ޖޭޕީ އާއި އަޅުގަނޑުމެން ދެބައިމީހުން އެ ދާއިރާތަކަށް ވާދަކޮށްފައި، އަދި އެތަންތަނަށް ރައީސް މައުމޫނުގެ ފަރާތްޕުޅުންވެސް މީހުން ވާދަކުރީމަ، އެ ގޮނޑި އެމްޑީޕީއަށް ނެގުމުގެ ފުރުސަތު މާބޮޑަށް ބޮޑުވެގެންދަނީ. އެހެންވީމަ ބައެއް ދާއިރާތައް އަޅުގަނޑުމެން ދޫކޮށްލީ." މިހާރު މީސްމީޑީއާގައި ދައުރުވަމުންދާ ރެކޯޑިންގައި ޔާމީން ވިދާޅުވެފައިވެއެވެ.
ޕްރޮގްރެސް ކޯލިޝަނުން ނިންމި އެ ނުންމުމާ ގުޅިގެން ޕާޓީތެރޭގައި ހިތްދަތިކަމާއި ހިތް ހަމަނުޖެހުން އުފެދިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާއަށް ކުރިމަތިލާން، އެހެންނަމަވެސް ދާއިރާތައް ހުސްވަމުން، ހުސްވަމުން ގޮސް މުޅިން ހުސްވީމަ ދެން އަޅުގަނޑު މާވަށަށް ކުރިމަތި ލުމުގެ ބަދަލުގައި އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް އަޅުގަނޑު ދާއިރާ ދޫކޮށްލަން،" ޔާމީން ވިދާޅުވިއެވެ.
ޖޭޕީއަށް ގޮނޑިތައް ދޫކޮށްލީ އެމްޑީޕީއަށް މެޖޯރިޓީ ލިބުނަ ނުދިނުމަށް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ގިނަ ފަރާތްތަކުން ތުހުމަތު ކުރަނީ އެ ނިންމުމުގެ ފަހަތުގައި ޖޭޕީއާއެކު ވެފައިވާ ސިއްރު ޑީލްތަކެއް އޮންނާނެ ކަމަށެވެ. ނަމަވެސް ޖޭޕީ އަދި ޕީޕީއެމް އިންވެސް އެ ވާހަކަތައް ދޮގު ކުރެއެވެ.