އިންގްލޭންޑްގެ ޓޮޓޭންހާމް ހޮޓްސްޕާއިން ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައުލޯ ޑީބާލާއަށް 64.4 މިލިއަން ޕައުންޑްގެ އެއްބަސްވުމެއް ހުށަހަޅައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ޓޮޓޭންހާމްގެ މިހުށަހެޅުން ޔުވެންޓަސްވަނީ ޤަބޫލޮކޮށްފައެވެ. އެހެންނަމަވެސް މިއެއްބަސްވުމާއި ގުޅިގެން ޑިބާލާގެ ބަހެއް އަދި ނުހޯދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އުމުރުން 25 އަހަރުގެ ޑިބާލާ، ޓޮޓޭންހާމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާކަމަށް ބުނިފަހުން ޓޮޓޭންހާމްއިންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެކުރިން ޔުވެންޓަސްއާއި ޔުނައިޓެޑުން ޑިބާލާ އަދި ލުކާކޫ ބަދަލުކޮށްލުމުގެ މަސައްކަތްކުރަމުން އައިނަމަވެސް އެމަސައްކަތް ހުއްޓުނީ ޑިބާލާ ހަފްތާއަކު 350،000 ޕައުންޑްގެ މުސާރައަކަށް އެދުމުން ޔުނައިޓެޑް އެކަމާއި ދެކޮޅު ހެދުމުންނެވެ.
ޔުވެންޓަސްއާއި އަލަށް ހަވާލުވި ކޯޗު ސާރީގެ ޕްލޭންގައި ޑިބާލާ ހިމެނިފައިނުވާއިރު، ސާރީ ޔުވެންޓަސްއާއި ޙަވާލުވިފަހުން ޑިބާލާ ވިއްކާލަން އުޅޭކަމުގެ އަޑުތައް ހުއްޓުމެއްނެތި އަންނަނީ އިވެމުންނެވެ.
ބެލެވޭ ގޮތުގައި ސާރީ ޑިބާލާ ވިއްކާލަން އުޅެނީ އޭނާ ގެފަރާތުން މިފަހަކަށްއައިސް ކްލަބުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާތީއެވެ. ނިމުނު ސީޒަންގައި ޑީބާލާއަށް ސީރީއާގައި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ފަސް ލަނޑެވެ.