ކޮވިޑް-19 އަިން ރަނގަޅުވިނަމަވެސް، އަދި 100 ޕަސެންޓް ފިޓް ނުވާކަމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައުލޯ ޑިބާލާ ބުނެފިއެވެ.
ޑިބާލާއަށް ކޮވިޑް-19 ޖެހިފައިވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައެވެ. އޭރު މިވައިރަހާއި ގުޅިގެން އިޓަލީގެ ފުޓްބޯޅަވަނީ މެދުކަނޑާލާފައެވެ. ޑިބާލާގެ އިތުރުން އޭނާ ރައްޓެހިވެގެން އުޅޭ އޮރިއާނާ ސަބާޓިންވެސް ޑިބާލާއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.
އަދި މަހެއްހާ ދުވަހު ޑިބާލާ ހޯމް އައިސޮލޭޝަންގައި ބެހެއްޓުމަށްފަހު، އޭނާގެ ދެ ޓެސްޓުވެސް ނެގެޓިވްވެ ކޮވިޑް-19 އިން ޑިބާލާ ރަނގަޅުވެފައިވާކަން ޔުވެންޓަސްއިން ހާމަކޮށްފައިވަނީ މެއި 6 ގައެވެ.
އިންސްޓަގްރާމް ލައިވް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ޑިބާލާ ބުނީ، އޭނާއަށް ކޮވިޑް-19 ޖެހުނު ޖަމަށާއި އެހެންނަމަވެސް ވަރަށް ބޮޑުތައް މިހާރު ރަނގަޅުކަމަށެވެ. އެހެންނަމަވެސް އަދިވެސް 100 ޕަސެންޓް ފިޓް ނުވާކަމަށްވެސް އޭނާ ބުންޏެވެ. އަދި ފަރިތަކުރުންތައް މިހާރު ފަށާފައިވާކަމަށާއި، ވަރަށް އަވަހަށް މެޗުތައް ކުޅެވޭނެކަމަށް އުންމީދުކުރާކަމަށްވެސް ޑިބާލާ ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ އިޓާލިއަން ސީރިއާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ގައެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޓާލިއަން ސީރީއާ ފަސްކޮށްފައިވާއިރު، ބައެއް ކްލަބުތައް 25 މެޗު އަދި އަނެއް ކްލަބުތައް 26 މެޗުވަނީ ކުޅެފައެވެ. 26 މެޗުން ލިބުނު 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު، ދެވަނާގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެކްލަބުވެސްވަނީ 26 މެޗު ކުޅެފައެވެ.
ލީގު ފެށުމުގެ ކުރިން ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ދެވަނަ މެޗު ޔުވެންޓަސްއިންވަނީ ކުޅުމަށް ހަމަޖެހިފައެވެ. ޓިއުރިންގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ކުޅޭނީ ޖޫން 12 ގައެވެ. މިމެޗުގެ ފުރަތަމަ ލެގުގެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ރެބިޗްގެ ލަނޑަކާއެކު އޭސީ މިލާން ކުރީގައި އޮވެ މެޗު ނިމެންދަނިކޮށް، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮނާލްޑޯ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ.



