ސްޕެއިންގެ ޗެމްޕިއަން ރެއަލްމެޑްރިޑުން ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައުލޯ ޑިބާލާއަށް ބިޑް ކުރުމަށް ތައްޔާރުވެއްޖެ ކަމަށް ރިޕޯރޓްތައް ބުނެއެވެ.
ރިޕޯރޓްތައް ބުނާ ގޮތުން ރެއަލްމެޑްރިޑުން ޑިބާލާއަށް ކުރަނީ 100 މިލިއަން ޔޫރޯގެ ބިޑެކެވެ. އަދި މިބިޑް އަގުހެޔޮ ކުރުމުގެ ގޮތުން މިޑީލްގައި ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އިސްކޯވެސް ހިމެނޭކަމަށް ރިޕޯރޓްތައް ބުނެއެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 އިން ރެއަލްމެޑްރިޑް ކެޓުމާއެކު ކޯޗު ޒިދާން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އެކި ދިމަދިމާއަށް ލޯ އަޅަމުންނެވެ. އަދި ދާދި ފަހުން ޔުވެންޓަސްގެ ކޯޗުކަމާއި ޙަވާލުވި އެންޑްރޭ ޕިރްލޯވަނީ ރެއަލްމެޑްރިޑުގެ އިސްކޯއަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިއެއްކަން ހާމަކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އިސްކޯފަދަ ކުޅުންތެރިއެއް ބޭނުންވާކަމަށް ޕިރްލޯ ބުންޏެވެ. ޔުވެންޓަސްވެސް މިސީޒަންގެ ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ ގަދަ 16 އިންނެވެ.
އަނެއްކޮޅުން އިސްކޯއަށް ރެއަލްމެޑްރިޑުގެ ފުރަތަމަ 11 އިން ލިބެމުން އަންނަ ފުރުޞަތުތައްވެސް މިހާރުވަނީ މަދުވެފައެވެ. މިސީޒަންގެ ލަލީގާގައި އިސްކޯ 23 މެޗު ކުޅެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ އެންމެ 4 މެޗުގައެވެ.
ޑިބާލާ ޔުވެންޓަސްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމަށް ނިމުން އަންނާނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ. އުމުރުން 26 އަހަރުގެ ޑިބާލާ ޔުވެންޓަސްއާއި ގުޅުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު ފުރަތަމަ ދެ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޑިބާލާވަނީ 2015-16 އަދި 2016-17 ސީޒަންގައި އިޓާލިއަން ސެރީއާގައި ކުޅުނު 60 މެޗުން 30 ލަނޑު ޖަހާފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ މެދުތެރެއިން އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ ކުރިން ދެއްކި މޮޅު ކުޅުން ޑިބާލާއަށް ދެއްކޭގޮތްވަނީ ނުވެފައެވެ.
މިސީޒަންގެ އިޓާލިއަން ސެރީއާގައި ޑިބާލާ ކުޅުނު 33 މެޗުން 11 ލަނޑުޖަހައި 11 އެސިސްޓް ހަދާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ޑިބާލާވަނީ 3 ލަނޑު ޖަހައި 2 އެސިސްޓް ހަދާފައެވެ.



