ރޮނާލްޑޯއަށް އާޖެންޓީނާ މީހުން ނަފްރަތުކުރާ ވާހަކަ ބުނިން: ޑިބާލާ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް އާޖެންޓީނާ މީހުން ނަފްރަތުކުރާ ވާހަކަ އޭނާ ގާތު ބުނިންކަމަށް ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާ ބުނެފިއެވެ.

މިދިޔަ ދެސީޒަންގައި ރޮނާލްޑޯއާއި ޑިބާލާގެ ގުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާއިރު، ރޮނާލްޑޯ ޔުވެންޓަސްއައުމާއެކު ޑިބާލާ ކްލަބު ދޫކޮށްދާން އުޅޭ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

އާޖެންޓީނާ މީހުން ރޮނާލްޑޯއަށް ނަފްރަތު ކުރާއިރު، އޭނާ ހުންނަ ގޮތުންނާއި އޭނާ ހިނގާގޮތަށް މަލާމާތް ކުރާކަމަށްވެސް އޮންލައިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުން ޑިބާލާ ބުންޏެވެ.

އެހެންނަމަވެސް ޑިބާލާ ބުނީ، މީހުން ދެކޭ ގޮތާއި ރޮނާލްޑޯ މުޅިން ތަފާތުކަމަށާއި، ޑިބާލާވެސް ޙައިރާންވިއިރު، އޭނާއަށްވެސް ރޮނާލްޑޯ ފެނުނީ ހީކުރިގޮތަށް ނޫންކަމަށެވެ.

ޑިބާލާއަކީ ފުޓްބޯޅައިގެ އެންމެ ކުރީގައި ހިމެނޭ މެސީ އަދި ރޮނާލްޑޯއާއި އެކުގައި ކުޅުމުގެ ނަޞީބުލިބިފައިވާ މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. އެހެންނަމަވެސް މެސީއާއެކު އާޖެންޓީނާއަށް ކުޅެން އުނދަގޫކަމަށް ޑިބާލާ މިދިޔަ އަހަރު ބުނުމާއެކު މައްސަލަވަނީ ގޯސްވެފައެވެ. އެކަމާއި ގުޅިގެން ޑިބާލާ ބުނީ، ޓީމު ކުޅުންތެރިއަކާ މައްސަލަޖެހެން އޭނާ ބޭނުންނޫންކަމަށާއި، އޭނާ ބޭނުންވަނީ ހިނގަމުންދާކަމެއް ރަނގަޅުވުމަށްކަމަށެވެ.

މެސީއާއި ޑިބާލާ އެއް ޕޮޒިޝަންއަކަށް ކުޅޭއިރު، މިދެކުޅުންތެރިން އެކުގައި ޓީމުގައި ހިމަނައިގެން ކުޅޭ ޓެކްޓިކެއް ހޯދަން މިހާރުވަނީ ޖެހިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޑިބާލާ ޕޮޒިޓިވްވެފައިވާއިރު، އޭނާ މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ޑިބާލާގެ އިތުރުން އޭނާގެ 'ގާލްފްރެންޑް'ވެސް ވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ.

ޑިބާލާ ބުނީ މިވައިރަސް ޖެހުނު ފަހުން ވަރަށް ގަދަޔަށް ކެއްސާ ކަމަށާއި، ވަރުބަލިކަން އަބަދު އިޙުސާސް ކުރެވޭއިރު، ފިނީގެ އަސަރު ރޭގަނޑު ނިދާއިރު ވަރަށް ބޮޑަށް ކުރާކަމަށެވެ. އަދި އެއީ އުނދަގޫ ވަގުތުތަކެއްކަމަށާއި އެހެންނަމަވެސް މިހާރު ހުރިހާކަމެއްވެސް ރަނގަޅުކަމަށް ޑިބާލާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ