ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ އެޖެންޑާ 19 ގެ ސިޔާސަތުތައް އިފްތިތާޙްކުރަން ބޮޑު ހިނގާލުމެއް ބާއްވާނެކަން އެޕާޓީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ ޕްރެސް ކޮންފެރެންސްގައި، މަޖިލިސް ކެމްޕޭނުގެ އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ދާދި ދެންމެ ވިދާޅުވީ، އެޖެންޑާ 19 އިންސާފުގެ ސިޔާސަތުތައް އިފްތިތާޙް ކުރަން ނިންމާފައިވަނީ ބޮޑު ހިނގާލުމުގައި ކަމަށެވެ.
އަފްޝަން ވިދާޅުވީ، އަންނަ އަންގާރަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"މި އަންގާރަ ދުވަހު އެޖެންޑާ 19 ގެ އިންސާފުގެ ހިނގާލުމުގެ ގޮތުގައި އަޅިގަނޑުމެން ހަރަކާތެއް ވަނީ ރާވާފައި. އަންގާރަ ދުވަހު މި ހިނގާލުން ފެށޭނީ ހަވީރު 04:15 ގައި އެމްޑީޕީ ހަރުގެ ކުރިމަތިން. ހިނގާލުން ކުރިއަށްދާނީ މަޖީދީ މަގުގައި، އެޖެންޑާ 19 އިންސާފުގެ ސިޔާސަތުތައް ލޯންޗު ކުރުމަށް ބާއްވާ މި ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ." އަފްޝަން ލަތީފް ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، އެ ހިނގާލުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުން އެދިލައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ މެންބަރުންނާއި، އަޅުގަނޑުމެންނަށް ތާއީދުކުރައްވާ ބޭފުޅުންނާއި، އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެންގެ ކަންތައްތަކަށް އެއްބާރުލުން ދެއްވައި، ސަޕޯޓް ކުރައްވާ ފަރާތްތަކުން މި ހިނގާލުމުގައި ބައިވެރިވެވަޑައިގަތުން." އަފްޝަން ވިދާޅުވިއެވެ.
އެޖެންޑާ 19 ޕެނަލް ޑިސްކަސަންގެ މާދަމާރޭ ޚާއްޞަ ކޮށްފައިވަނީވެސް އިންސާފުގެ އެޖެންޑާތަކަށެވެ.