ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ތިން މިލިއަނަށް އަމޭން މޯލްޑިވްސްއަށް

މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަޝްރޫޢުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކާ ބުދަ ދުވަހު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤު ސޮއި ކުރެއްވިއިރު އަމޭން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މުއްޠަލިބެވެ.

އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، ހަވާލުކުރާތާ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް، 2,967,867.86 (ދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އަށެވެ.

މި މަޝްރޫޢުގެ ދަށުން އެކުންފުނިން ކުރަންޖެހެނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ، މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ކުރުން އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯރ އެގްޒިބިޝަން އެރީއާ ތައްޔާރުކުރުމެވެ. މީގެ އިތުރުން ކަރަންޓު ވައިރު ކުރުމާއި، ލޭންޑްސްކޭޕާއި މިސްކިތުގެ ބޮކި ހަރުކުރުން އަދި ޕްލަމްބިންގ މަސައްކަތްތަކާއި، އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލިލުންވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުން ކަމަށެވެ.

"މިސްކިތުގައި ހަލާކުވެގެން ބަދަލުކުރަން ޖެހޭ ބައިތައް (މިސާލަކަށް: ފުރާޅުގެ މަތިވަޑާންގަނޑު) ހަދާނީ މި ޓީމުގެ ވަޑިން. އަދި މިސްކިތުގެ ބައިތަކުގެ (ހިރިގަލާ، ލަކުޑި އަދި ލިޔެލާޖަހާފައިވާ ބައިތައް) އާބާތުރަފިލުވުމުގެ މަސައްކަތް ކުރާނީ މި ޓީމުގެ ކޮންޒަރވޭޝަން އޮފިސަރުން." މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތްތަކާއި މިސްކިތް ރޭވުމުގެ ކަންކަން ކުރެވެމުންދާނީ ސީދާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ