ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ޔާމީން އެއްލާލެއްވި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވައި ދެއްވުމީ ރައީސް ދެއްވި ހަދިޔާއެއް - ޝާހިދު

ޔާމީން އެއްލާލެއްވި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވައި ދެއްވުމަކީ ރާއްޖެ އިސްލާމްވިދުވަހު ރައީސް ޞާލިޙް ދެއްވި ހަދިޔާއެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް ހުޅުއްވައިދެއްވުމާއި ގުޅިގެން ޝާހިދު ވިދާޅުވީ އައިސް ސްކޭޓިންރިންކެއް ހަދަން ރައީސް ޔާމީން ނަންގަވާ އެއްލާލެއްވި އާސާރީ ކަޅުވަކަރު މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމީ ރާއްޖެ އިސްލާމްވިދުވަހު ރައީސް ޞާލިޙް ދެއްވި އަގުހުރި ހަދިޔާއެއްކަމަށެވެ.

އަދި އެއީ މި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއްކަމަށްވެސް ޝަހިދު ވަނީ ވިދާޅުވެފައެވެ.

މިއަދު ހެންދުނު ބޭއްވި ރަސްމިއްޔާތުގައި ކަޅުވަކަރު މިސްކިތް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެވެ. އަދި މި ޖަލްސާގައި ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކަޅުވަކަރު މިސްކިތް ރާވާ ބަހައްޓާފައިވަނީ ޤައުމީ ދާރުލް އާޘާރުގެ އުތުރުން އޮންނަ ބިމުގައެވެ. އަދި މިސްކިތް އަލުން ބަހައްޓާފައިވަނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކުގައެވެ.

ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ކަޅުވަކަރު މިސްކިތް، ބެހެއްޓެވުމަށް ވަޒީރުންގެ މަޖުލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ.

ކަޅުވަކަރު މިސްކިތަކީ މުޅިންހެން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި މިސްކިތެކެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ